Wednesday, 29 July 2026

ފޭކް ރިޕޯޓް ފަތުރާ މީހުންނާއިމެދު ފިޔަވަޅު އަޅަން އިންޑިޔާ ހައިކޮމިޝަނުން ގޮވާލައިފި

ކެމްޕެއިންގެ ނަމުގައި ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުގެ މެމްބަރުންނަށާއި ރާއްޖޭގައި ދިރިއުޅޭ އިންޑިޔާ ރައްޔިތުންނަށް ފުރައްސާރަވާގޮތަށް ފޭކް ރިޕޯޓް ނުފެތުރުމަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފައިވާގޮތުން އާންމުންގެ ތެރޭގައި ނަފްރަތާއި ބިރު އުފެދޭގޮތަށް މި ފޭކް ރިޕޯޓް ފަތުރަމުންދަނީ ކެމްޕެއިންގެ ނަމުގައި ނިކުމެ އުޅޭ މަދު ބައެކެވެ. އަދި މީގެ ބޭނުމަކީ ރާއްޖެއާއި އިންޑިޔާއި ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމަށް ކަނޑުވާލުންކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިންޑިޔާ-ރާއްޖޭގެ ގުޅުމަކީ އިތުބާރާއި އިހްތިރާމްގެ މައްޗަށް ބިނާވެގެން އުފެއްދި ގުޅުމެއްކަމަށާއި އަދި "ނެއިބަރހޫޑް ފަސްޓް" ޕޮލިސީގެ ދަށުން ރާއްޖެއަށް ާއްސަ މަގާމެއް ދެވިފައިވާކަމަށް ހައިކޮމިޝަނުންވަނީ ބުނެފަ އެވެ. އަދި މި ޕޮލިސީގެ ދަށުން އެ ޤައުމުން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ރައްޔިތުންނާއި ގާތްގުޅުމެއް ބޭއްވުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ހަމައެހެންމެ އިންޑިޔާގެ ޕްރޮފެޝަނަލްސް އާއި މަސައްކަތު މީހުންގެ އިތުރުން ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް އެދެވޭ އަސަރުކުރާކަން ޤަބޫލުކުރާކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑިޔާ ހައިކޮމިޝަނުން ވަނީ ބައެއް ނޫސްވެރިން އިސްވެ ތިބެ ހިންގާ މި ޒިންމާދާރުކަން ކުޑަ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި މި މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށްވެސް އެ ކޮމިޝަނުން ވަނީ ރާއްޖޭގެ ކަމާބެހޭ ވުޒާރާތަކުގެ ކިބައިން އެދިފަ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *