ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ކުރެންދޫއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ގިނަ ގެތަކަކަށް ގެއްލުން ވެއްޖެއެވެ.
މެދު ރާއްޖެތެރެއަށް ކުރަމުންދާ ވިއްސާރައިގައި ރެއިން ފެށިގެން ޅ. އަތޮޅަށް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކުރެންދޫއަށެވެ. އެގޮތުން ކުރެެންދޫގެ މަގުތަކުގައި ފެންބޮޑުވެ، އެފެންގަނޑު ވަނީ ގެތަކަށް ވަދެފަ އެވެ. މީގެ ސަބަބުން ގިނަ ގެތަކަކަށާއި ހިފާ ގެންގުޅޭ ސާމާނަށް ވަނީ ގެއްލުން ލިބިފަ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިޒާސްޓަރ އޮތޯރިޓީ (އެމްއެންޑީއޭ)އިން ވަނީ ވަނީ ކުރެންދޫގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ ނޮދަން އޭރިޔާގެ ސިފައިންނާއި ގުޅިގެން އެ ރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފަ އެވެ. އަދި މި ޙާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރަމުން އަންނަކަމަށްވެސް ބުނެފައި ވެއެވެ.
ކުރެންދޫއަށް ކުރި ވިއްސާރައިގެ ސަބަބުން އެ ރަށުގެ ބައެއް ގެތަކުން ވަނީ ކަރަންޓްވެސް ކެނޑިފަ އެވެ. އަދި ރަށުގެ ސްކޫލްވެސް ވަނީ ބަންދުކޮށްފަ އެވެ.
އެރަށުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންނާއިއެކު އެރަށު ރައްޔިތުންނާއި ސްކައުޓްކުދިންވެސް ދަނީ ބައިވެރިވަމުންނެވެ.


