ފާއިތު 12 ދުވަސްތެރޭގައި ދުނިޔޭގެ ދިހަ ޤައުމަކަށް ފެންބޮޑުވުމުގެ ބޮޑެތި ކާރިސާތަކެއް ވަނީ ކުރިމަތިވެފަ އެވެ. މި ކާރިސާތަކަކީ މިހާރު މޫސުމީ ބަދަލުތަކުގެ ބިރުވެރި އިންޒާރެއްގެ ގޮތަށް މޫސުމާބެހޭ މާހިރު ދަނީ ސިފަކުރަމުންނެވެ.
އެގޮތުން މި ސެޕްޓެމްބަރު މަސް ފެށިގެންދިޔައީ ހޮންކޮންއަށް އެރި ބާރުގަދަ ތޫފާނަކާ އެކީގައެވެ. މި ތޫފާނުގައި ވަނީ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އެތައް ބަޔަކަށް ގެއްލުން ވެފަ އެވެ. މީގެއިތުރުންވެސް ފާއިތު 12 ދުވަސްތެރޭގައި ވަނީ އިތުރު ނުވަ ޤައުމަކަށް މިފަދަ ފެންބޮޑުވުމުގެ ކާރިސާތައް ކުރިމަތިވެ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފަ އެވެ.
މި މަހު ތޫފާން އެރި ޤައުމުތަކުގެ ތެރޭގައި ހޮންކޮން، ލީބިޔާ، ގްރީސް، ތުރުކީ، ބަލްގޭރިއާ، ސްޕެއިން، ޗައިނާ، ޓައިވާން، ބްރެޒިލް ފަދަ ޤައުމުތައް ހިމެނެ އެވެ.
މިތަނުންވެސް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ލީބިޔާއަށެވެ. ލީބިޔާއަށް އަރާފައިވަނީ ޑެނިއަލް ނަމަކަށް ކިޔާ ތޫފާނެކެވެ. މި ތޫފާންގެ ސަބަބުން ފެންބޮޑުވެ މިހާތަނަށް ވަނީ 11،000 އަށްވުރެ ގިނަ މީހުން މަރުވެފަ އެވެ.
ތޫފާންގެ ޑެނިއަލް ވަނީ ގްރީސްއަށްވެސް އަރާފަ އެވެ. އަދި މި ކާރިސާގައި އެޤައުމުން ވަނީ 15 މީހުން މަރުވެފަ އެވެ. މިކަމާއި ގުޅިގެން ގްރީސްގެ ތިމާވެށީގެ މިނިސްޓަރ ވަނީ އެ ޤައުމުގައި ހިނގި ވައިލްޑް ފަޔާރ ކާރިސާއަށްފަު މިހާގާތުން ފެންބޮޑުވުމަކީ މޫސުމަށް އައި ބޮޑު ބަދަލެއް ކަމަށް ބުނެފަ އެވެ.
މި ތޫފާންގެ އަސަރު ތުރުކީއަށްވެސް ވަނީ ކޮށްފަ އެވެ. އެޤައުމުން ވަނީ މި ކާރިސާގައި 7 މީހުން މަރުވެފަ އެވެ.
ސައިންޓިސްޓުން ވަނީ މޫސުމަށް އައި މި ބޮޑު ބަދަލުގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާނެކަމުގެ އިންޒާރު ދީފަ އެވެ.


