މި އަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން، ބޭއްވި ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެ ވަނީ މަރުޙަބާ ދަންނަވާފައެވެ. އެގޮތުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ.
ޤައުމީ ދުވަހުގެ ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި، ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުގައެވެ.


