Tuesday, 28 July 2026
ޕީޕީއެމް/ ޕީއެންސީގެ ކެނޑިޑޭޓް ބައިވެރިވެވަޑައިގެންނެވި މާވެޔޮ މަގު ކަންމަތީ ބައްދަލުވުމުގެ ތެރެއިން؛ ފޮޓޯ- ޕީޕީއެމް

ކުލިކުޑަކޮށް، ހައުސިންގެ ވައުދު ޔަގީނުން ފުއްދަދޭނެކަމަށް މުއިއްޒު ވިދާޅުވެއްޖެ

ވިނަރެސް ފްލެޓްތަކުގެ އިތުރުން ހިޔާ މަޝްރޫއުގެ ތެރެއިން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކުގެ އަގުތައް ވެސް ހެޔޮ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާވެޔޮ މަގުގައި ރޭ ބޭއްވި ކަންމަތީ ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކަށް ކުލީގެ ގޮތުގައި ދައްކަން މިސަރުކާރުން ބުނާ އަދަދުތަކަކީ މާބޮޑެތި އަދަދުތަކެއް ކަމަށެވެ.

އަދި މި ސަރުކާރުން ވިނަރެސްއަށް ނަން ބަދަލުކޮށްގެން މަޝްރޫއު ހިންގި ނަމަވެސް އެއީ އޭނާގެ ހައުސިން މިނިސްޓަރު ކަމުގައި ސޮއިކުރި މަޝްރޫއެއް ކަމަށާއި، އެހެންކަމުން އެ މަޝްރޫއުގެ ހުރިހާ ތަފްސީލަކާއި އަގުތަކެއް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ދެ ލައްކަ ރުފިޔާގެ ޑައުންޕޭމަންޓަށް ނަގާފައި މަހުން މަހަށް ބޮޑު ކުއްޔެއް ވިނަރެސް ފްލެޓްތަކުން ނެގުމަށް މަސައްކަތް ކުރަމުން އެދަނީ މިމަޝްރޫއު ކުރިއަށް ގެންދަން ނިންމި ގޮތަކަށް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި މަޝްރޫއުތަކުގެ މަގުސަދަކީ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުން ކަމަށާއި އެމީހުންގެ އަތުގައި އޮތް ލާރިކޮޅު އަތުލުމަށް ޖަހާ ދަންތޫރައަކަށް ވެގެން ނުވާނެ ކަމަށެވެ.

ހަމައެހެންމެ މުއިއްޒު ރޭ ވެސް ވަނީ މި ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްތައް އަތުނުލާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެއިން ދޫކުރި ގޯތިތަކުގައި ގެދޮރު އެޅޭނެ ގޮތް ހަދައިދީ އަދި ފްލެޓްތައް ވެސް އަޅައިދޭނެ ކަމަށެވެ. އަދި އެކަންކަން ކުރިއަށް ގެންދާނީ އޭނާގެ 65،000 ހައުސިން ޔުނިޓްގެ އަމާޒުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *