މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި، އއ. ރަސްދޫގައި ބެހެއްޓި ވޯޓު ފޮށީގައި މަސައްކަތް ކުރަމުން ދިޔަ، ކޮމިޝަނުގެ ދެ އޮފިޝަލަކު އެކަހެރި ކުރުމާ ގުޅިގެން އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގައިފިއެވެ.
އެ ރަށުގައި ވެސް ހެނދުނު 8 ގައި ވޯޓުލުން ފެށި ނަމަވެސް 10 ޖެހިއިރު ވޯޓުލުން ވަނީ ހުއްޓުވައިފަ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އާއި ހަވާލާދީ "މިހާރު"ގައި ވަނީީ ވޯޓުލާ މަރުކަޒުން ނެރުނު ދެ މީހުންނަކީ އޮބްޒާވަރުންގެ ގޮތުގައި ހުއްދަ ދީފައި އޮއްވައި، ކެންޑިޑޭޓެއްގެ ކެމްޕެއިނުގައި ބައިވެރިވުމުން ހުއްދަ ބާތިލްކޮށްފައިވާ ދެ މީހުން ކަމަށް ބުނެފަ އެވެ. އަދި ވޯޓުލުން ހުއްޓުވިޔަސް، އެ ރަށުގައި ޖެހުނީ ވޯޓުލުން ހުއްޓާލަންޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.
އެނގިފައިވާގޮތުގައި ވޯޓުލާ މަރުކަޒު ކައިރިއަށް އެއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުންނެވެ. އެނގިފައިވާ ގޮތުގައި، އެ ދެ އޮފިޝަލުން ބައިވެރިވިކަން ސާބިތުވެފައި ވަނީ ވެސް އެ ކޯލިޝަނުގެ ހަރަކާތެއްގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ރަށު މީހުންތަކެއް އަޑުގަދަކޮށް، ވޯޓުލާ މަރުކަޒަށް ގަދަކަމުން ވަންނަން އުޅެ އެވެ. ނަމަވެސް ފުލުހުން އެ މީހުން ހުއްޓުވަ އެވެ.
ވޯޓުފޮށި ބަންދުކުރިތާ ދެ ގަޑިއިރު ވާން ކައިރި ވެފައިވާ ނަމަވެސް އަލުން ވޯޓުލުން ފެށޭނެ އިރެއް ނޭނގޭ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނާ ކަމަށް ރަސްދޫ މީހުން ވަނީ ބުނެފަ އެވެ.


