ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އއ. މަތިވެރި އަށް މިއަދު ވަޑައިގެންނެވި ވަގުތު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ސަޕޯޓަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނިގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ބޭއަދަބީ އަތުގެ އިޝާރާތްތަކެއްކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން ކަމަށެވެ. މަތިވެރީގައި ހަމަނުޖެހުން ހިންގާ ވީޑިޔޯއެއްވެސް ވަނީ މީސް މީޑިޔާގައި ވައިރަލް ވެފައެވެ.
ފުލުހުން ވަނީ މި ހަމަނުޖެހުމުގެ ތެރެއިން ޑރ. މުއިއްޒުއަށް ހަމަލާދޭން އުޅެފައިވާކަމަށް ނުބެލެވޭކަމަށް ބުނެފައެވެ.
މަތިވެރިއަށް ޑރ. މުއިއްޒު ވަޑައިގެންނެވުމުން އެރަށުން ވަނީ ހޫނު މަރުހަބާ ކިޔާފަ އެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ޑރ. މުއިއްޒު ސަޕޯޓަރުންނާއި ސަލާމްކުރަމުން ގެންދެވި ވަގުތުގައެވެ.
އެގޮތުން ހަމަނުޖެހުން ހިނގީ ސަފުގެ ނިމުމަކާ ހިސާބުން ސަލާން ކުރަން ހުރި މީހަކާއި އެ ރަށުގެ ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓަކާ ދެމެދުގަ އެވެ.
ސަލާން ކުރަން ހުރި މީހާ އާއި ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓާ ދެމެދު ބަހުގެ ހަމަލާއެއް ދިނުމުން، ސަލާންކުރަން ހުރީ ސަޕޯޓަރެއް ނޫން ކަމަށް ބުނެ ކޮށްޕާލުމުން، އެ މީހާ ވަނީ މުއިއްޒު އަރާހަމަވެވަޑައިގަތް ވަގުތު އަނެއް މީހާ އަށް ހަމަލަ ދޭން މަސައްކަތް ކޮށްފައިވާކަމަށްވެސް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.


