ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް (ފާތުން)ގެ ތާއީދުވެސް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެނޑިޑޭޓް މުހައްމަދު މުއިއްޒަށް އޮތްކަން ހާމަކުރައްވާ ކެމްޕެއިނާއި ގުޅިވަޑައިގެންފި އެވެ.
މިރޭ ކާނިވަލުގައި ޕީޕީއެމުން ބޭއްވި ކެމްޕެއިންގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފާތުންވަނީ ވަނީ ފައިމަގުގައި އެކަމަނާ ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ދޫވެހިން ކާނިވަލަށް ވަޑައިގަންނަވާފަ އެވެ. ފާތުން ކާނިވަލަށް ވަޑައިގެންނެވިއިރު ޔާމީންގެ ސަޕޯޓަރުން ވަނީ ކާނިވާ ފުރާލާފައެވެ.
ކާނިވަލުން ފާތުންއަށް ލިބުނު ސަޕޯޓު ފެނިވަޑައިގެން ފާތުން ވަނީ ކީރިތިކުރައްވާފަ އެވެ. އެވަގުތު ފާތުންގެ އެންމެ ގާތުގައި ހިތްވަރުދެއްވުމަށް ޑރ. މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އޭނާގެ އަނބިކަނބަލުން ހުންނެވިއެވެ. ސަޕޯޓަރުންނާއި އެކު ކާނިވަލުގައި ވަގުތު ހޭދަކުރެއްވުމަށްފަހު ފާތުން އެނބުރި ގެކޮޅަށް ވަޑައިގެންނެވިއިރު، އެކަމަނާއާޢި ސަލާމްކުރުމަށް ކާނިވަލުން ފެށިގެން ޕީޕީއެމް އޮފީހާއި ހަމަޔަށް ވަނީ ކިއު ދަމާލާފަ އެވެ.
ސަޕޯޓަރުންނާއި ސަލާމްކުރަމުން ދަނިކޮށް މަގުމަތިން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފާތުން އާއި ސަލާމްކޮށް ފޮޓޯފުޅެއް ނަންގަވާފަ އެވެ. އަދި ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ޔާމީން މިނިވަންކުރުމަށް ގޮވާލާ ނަޝީދުވަނީ އަޑު އުފުލާފައެވެ.
މުއިއްޒުގެ ކެމްޕެއިން ޓީމުތަކާ އެކު ފާތުން ވަނީ މުއިއްޒުގެ ކެންޑިޑޭޓް ނަމްބަރު 4 އިނގިލިން ދައްކަވައި ފޮޓޯ ނަންގަވައި އެ ކަމަނާގެ ތާއީދު އޮތް ގޮތް ހާމަކުރައްވައިފަ އެވެ.


