Tuesday, 28 July 2026
ފޮޓޯ؛ ޕީއެސްއެމް

ރައްޔިތުންގެ ތައުރީފް އުމަރާއި ފާރިސްއަށް އޮހެނީ

ހޮނިހިރު ދުވަހުގެ ރޭ ސަންގު ޓީވީއިން ބޭއްވި ސަންގު ބަހުސްގައި ވަނީ މިފަހަރު ރިޔާސީ އިންތިހާބުގައި ބައިވެރިވާ 8 ކެނޑިޑޭޓުން ބައިވެރިވެފަ އެވެ. މި ބަހުސްގައި ކޮންމެ ކެނޑިޑޭޓަކަށް ވެސް ވާހަކަދެއްކުމަށް ވަނީ ގިނަ ފުރުސަތުތަކެއް ދީފައެވެ.

ސަންގު ބަހުސްއަށް ފަހު ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ދަނީ އަމިއްލަ ދެ ކެނޑިޑޭޓުން ކަމަށްވާ އުމަރު ނަސީރާއި އަހުމަދު ފާރިސް މައުމޫނަށް ގިނަ ބަޔަކު ތައުރީފްކުރަމުންނެވެ.

ބަހުސް ފެށިގެން ދިޔަ އެންމެ ފުރަތަމަ ފުރުސަތު ދީފައިވަނީ އުމަރު ނަސީރަށެވެ. މި ސުވާލުގެ ޖަވާބުދެއްވަމުންް އުމަރު ނަސީރު ވަނީ އޭނާއަކީ އެހެން ކެނޑިޑޭޓުން ގޮތަށް "ރައްޔިތުން ޅޮސް އުނދޯއްޔަށް އަރުވާނެ" މީހެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އުމަރު ވަނީ ބަހުސް ކުރިއަށް ދިޔައިރު ކެނޑިޑޭޓުންނަށް ގިނަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

މި ބަހުސްގައި އުމަރު ވަނީ ބްރިޖާއި ފްލެޓްއަޅަން ވައުދު ނުވާނޭކަމަށް ވިދާޅުވެފަަ އެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެންޕެއިން ސިޔާސަތުތަކާއި ވަޢުދުތަކަށް ގޮންޖައްސަވައި، ރާއްޖެއަށް މިއުޅެނީ މާވަހަރު އޮޑިއެއް ލައްގައިގެންތޯ އައްސަވައި، މި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ހަމައެހެންމެ ފާރިސް ވަނީ ވެރިކަން ލިބިއްޖެނަމަ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދެއްވާނޭކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"ރާއްޖެ އިސްލާހުކުރެވޭކަށް ނެތް ކުދިކުދި ބަދަލުތަކެއް ގެނެސްގެނެއް، ކުދިކުދި އިސްލާހުތަކެއް ގެނެސްގެނެއް، ކުދިކުދި އެތިކޮޅު ހިލޭ ދީގެނެއް ނޫނީ ހިލޭ ދޭ އެއްޗެހިތަކެެއް އިތުރުކޮށްގެނެއް," ފާރިސް ވިދާޅުވިއެވެ.

ހަމައެހެންމެ ފާރިސްވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ތަރައްޤީ ގެނެސްދޭން މަސައްކަތް ކޮށްދެއްވާނޭކަމަށް ވިދާޅުވެފަ އެވެ.

ސަންގު ބަހުސްގައި ފާރިސް އާއި އުމަރުގެ ވާހަކައަށް ތާއީދުކޮށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ހިޔާލުފާޅުކޮށްފަ އެވެ. އަދި ސަންގު ބަހުސް އަޑުއެހުމަށްފަހު ވޯޓު ދެންޏާމުން ދޭނީ މި ދެ ކެނޑިޑޭޓުންގެ ތެރެއިން ކެނޑިޑޭޓަކަށް ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *