Tuesday, 28 July 2026
ފޮޓޯ؛ ޕީޕީއެމް

މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރުން ކުށްވެރިކޮށްފި

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާ ކަމަށް ބުނެ، އެ ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު އޭނާއަށް މަރުހަބާ ކިޔުމަށް އެއްވެފައި ތިބި މީހުންގެ ތެރޭގައި އަދާލަތު ޕާޓީ އުފެއްދި މަރުހަލާގައި އުޅުނު ކަމަށް ބުނާ ބަޔަކު ފެހި ކުލައިގެ ޓީޝާޓްތަކެއް ލައިގެން މުއިއްޒުގެ އިސްތިގުބާލްގައި ތިއްބެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މުއިއްޒުގެ ކެމްޕޭނުގައި އެ ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެކަމަކީ އިންތިޚާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމެއްކަމަށް ވާތީ އެކަން ހުއްޓުވުމަށް ނަޒީރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފައެވެ.

"މިކަމަކީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށް ވާތީ މިކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން،" ނަޒީރު ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ސިޔާސީ ހަޔާތް ފެއްޓެވި މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގަތްއިރު އެ ޕާޓީ ރަމްޒުވާ ގޮތަށް ހެދުން އަޅައިގެން ތިބީ މީގެ ކުރިން އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު ބައެއް މެންބަރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *