Tuesday, 28 July 2026
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ އެމްޑީއޭ

ދަރަވަންދޫގައި ފްލެޓް އަޅައިދޭނެކަމަށް ރައީސް ވައުދުވެވަޑައިގެންފި

ދަރަވަންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމަށް އެރަށުގައި ރޯހައުސް ނުވަތަ ފްލެޓު އަޅައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅުގެ 12 ވަނަ ރަށަށް ވަޑައިގެން، ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސްވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން ބ. އަތޮޅުގައި އޮންނަ ހަމައެކަނި އެއާޕޯޓުކަމަށްވާ ދަރަވަންދޫ އެއާޕޯޓު ބޮޑުކޮށް، އެ ރަށުގެ ތަރައްގީ އަށް ގިނަ މަސައްކަތް ކޮށްދިނުމަށް ރައީސްވަނީ ވައުދުވެވަޑައިގެންފަ އެވެ.

ހަމައެހެންމެ ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެތަނަށް ބަދަލުގެނައުމާއި، އަދި އޮފީސްތައް ހިންގުމަށް ކޮމްޕްލެކްސް އެއް ޤާއިމުކުރުމުގެ ވިސްނުންފުޅުހުރިކަމަށްވެސް ރައީސްވަނީ ވިދާޅުވެފަ އެވެ. އަދި ދެވަނަ ދައުރެއް ލިބިއްޖެނަމަ ސްކޫލްގެއިތުރު ކްލާސްރޫމް ހަދައިދޭނެކަމަށް ވެސް ރައީސް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

ދަރަވަންދޫގެ މަގުތައް ތަރައްގީކޮށް ތާރުއެޅުންވެސް ރައީސްގެ ވައުދުތަކުގެތެރޭގަިއ ހިމަނާފައިވެއެވެ. އަދި އަދި ރައްޔިތުން ދަތުރު ދިއުމަށްޓަކައި ރަށާ ކައިރިން ފަޅު ރަށެއްވެސް ހަމަޖައްސަދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި މިހާތަނަށް ވަނީ 100އަށްވުރެ ގިނަ ރަށަށް ޒިޔާރަތްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *