Tuesday, 28 July 2026
ރޭ ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރާނީ މިހާރު މުސާރަ ބޮޑުނުކޮށް ހުރި ހުރިހާ ދާއިރާއަކަށް ބަޖެޓްގައި ފައިސާ ހިމަނާފައި ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ހުރިހާ މުވައްޒަފުންނަށް ބޮޑުކުރި މުސާރަ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރާނެ ތާރީހް ރައީސް މިރޭ އިއުލާން ކުރެއްވީ ބ. ތުޅާދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކޮށް މިހާރު ވަނީ ބޮޑުކުރި މުސާރަ ދޭން ފަށާފަ އެވެ.

ރައީސް މިރޭ ވިދާޅުވީ ސިފައިން، ފުލުހުން، އިމިގްރޭޝަން، ކަސްޓަމްސް، ކަރެކްޝަންސް އަދި އިމާމުންނާއި މުދިމުންގެ އިތުރު ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޖެނުއަރީން ފެށިގެން ބޮޑުކޮށްދޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މުސާރަތަކަށް މިގެނެވޭ ބަދަލާ އެކު ބައެއް ދާއިރާތަކުގެ މުސާރަތައް ވަރަށް ބޮޑަށް ބޮޑުވެގެންދާނެ ކަމަށެވެ. އެވްރެޖުކޮށް 40 ޕަސަންޓުގެ ކުރިއެރުމެއް މުސާރަތަކަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *