އިންތިހާބު ނިމިގެން ދާއިރު ޕީޕީއެމް މި ރާއްޖޭގެ މި ކަރުދާސްކޮޅުން ފޮހެވިގެން ދާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ޕީޕީއެމް އިން މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނުނިކުތް ކަމުގައިވިޔަސް ޕީއެންސީގެ ބޭފުޅުންގެ ވިސްނުމަކީ ޕީޕީއެމްގެ ވިސްނުމާ ވަރަށް ގާތް ވިސްނުމެއް ކަމަށެވެ. އަދި މުއިއްޒަކީ ޔާމީނާއެކު، ޔާމީނުގެ ވެރިކަމުގައި ހުރިހާ ކަމެއްގައިވެސް ބައިވެރިވި މީހެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ހުރިހާ ކަމަކާ އޭރު އެއްބައިވެ ވާގިވެރިވެފައިވާ ބޭފުޅަކަށް ވާއިރު، އެ ވާހަކަތައް ނުދައްކާ ކުރިއަށް ދެވޭކަށް ނެތް. އަދި 2013 އިން 2018 އަށް ހިނގި ހުރިހާ ކަމެއްގައި ވަޒީރުން މަޖިލީހުގެ މެންބަރެއްގެ ގޮތުން މުއިއްޒުގެ ބައިވެރިވުން އެބައޮތޭ،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވާހަކަތައް ދައްކަނީ ކޮންމެހެން މުއިއްޒަކީ އެމްޑީޕީއަށް "ޗެލެންޖަކަށް" ވެގެނެއް ނޫން ކަމަށެވެ. އަދި ޕީއެންސީ އިން މުއިއްޒު ނިކުމެވަޑައިގެން އޭނާގެ ބައިވެރިވުމެއް ކުރީގައި ވެފައި ހުރި ކަންތަކުގައި ނެތޭ ބުނެ ވާހަކަ ދެއްކެވި ނަމަވެސް މުއިއްޒަކީ އާ ބޭފުޅެއް ނޫންކަން ރައްޔިތުންނަށް އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.
"ހަގީގަތުގައި އެ ބޭފުޅުން އާ ނަމެއްގައި އެ ނިކުމެ ވަޑައިގަންނަވަނީ ހަމަ އެ ނޫން މީހާ ކަމަށް ހެދިވަޑައިގެން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގެން އޭނާއާއި ޖެހިގެން ރައީސް ޔާމީނު އިންނަވާނެ ކަމަށް ދެންނެވި ކަމުގައިވިޔަސް އޭނާ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ޔާމީނު ޖަލުން ނުނެރުއްވާނެ ކަން މާރިޔާ އަށް ޔަގީން ކަމަށެވެ.
އޭގެ އިތުރުން، މާރިޔާ ވިދާޅުވީ ޕީޕީއެމް އިން މި އިންތިހާބުގައި ބައިވެރިވެފައެއް ނެތް ކަމަށެވެ.
"އެހެންވީމަ ދަންނަވަން މިއުޅެނީ ޕީޕީއެމް ގެ ކުލަވެސް ކަރުދާސް ކޮޅުގަ ނެތޭ. އެ އިންތިހާބު ނިމިގެން ދާއިރު ޕީޕީއެމް މި ރާއްޖޭގެ މި ކަރުދާސްކޮޅުން ފޮހެވިގެން ދާނެ،" މާރިޔާ ވިދާޅުވި އެވެ.


