މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން މިއަދު ހެނދުނު 11:00 ގައި ފެށުމަށްފަހު ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް މިއަދު ހަވީރު ގޯތި ކަނޑައިދޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ގޯތި ލިބޭ މީހުންގެ ގުރުއަތުލުން މިއަދު އަދި މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ގަލޮޅު ދަނޑުގައެވެ. އޭގެފަހުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހެންވޭރު ދަނޑު ގައެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދާ "ބިންވެރިޔާ' ސްކީމުގައި ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ދާއިމީ ލިސްޓްގައި ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިއަދު ހެނދުނު 11:00 ޖަހާއިރު ގުރުއަތު ނަގާނީ އެކި ގަޑިތަކުގައި އެކި މީހުން ގަލޮޅު ދަނޑަށް ހާޒިރުވެ ގުރުއަތު ނަގާ ގޮތަށް ކަމަށެވެ. ރޭ 10:00 އިން ފެށިގެން ގުރުއަތު ނަގަން ދަނޑަށް ހާޒިރުވާން ޖެހޭ ގަޑި ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށްވެސް ބުންޏެވެ. ގުރުއަތު ނެގުމާ އެކު ކޮންމެ މީހަކަށްވެސް އެމީހަކަށް ގޯތި ލިބޭ ތަނާއި ޕްލޮޓް ނަމްބަރު އެނގޭނެ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.


