މިމަހުގެ 10 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅެމުންދާ މުހައްމަދު ވަހީދު އައިޖީއެމްއެޗަށް ދިޔައީ މެޔަށް ތަދެއް އަރައިގެންނެވެ. ކުރިންވެސް ހާޓް އެޓޭކެއް ޖެހިގެން އެންޖީއޯޕްލާސްޓީ ހަދައި ދެ ސްޓެންޓްސް ލައްވާފައިވުމުން، މިއީ ވެސް އެފަދަ ކަމަކަށް ވެދާނެކަމަށް ހީވެ ވަހީދު އައިޖީއެމްއެޗަށް ދިއުމުން އެ ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތަށް އޭނާގެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ހޮސްޕިޓަލް މުވައްޒަފުންގެ މި ފަރުވާކުޑަ އަމަލުން ވަހީދުގެ ފުރާނަ ވަނީ އިތުރަށް ނުރައްކަލަށް ހުށަހެޅިފަ އެވެ.
ވަހީދުގެ ދަރިފުޅު ބުނިގޮތުގައި އެންމެ ފުރަތަމަ ވަހީދުގެ މޭގައި ރިއްސާތީ ހޮސްޕިޓަލަށް ދިއުމުން އީއާރްގައި އެޑްމިޓްކޮށް ޓެސްޓްތަކެއް ހެދުމަށްފަހު، ރަނގަޅުކަމަށް ބުނެ ޑިސްޗާޖްކޮށްލިއެވެ. އެހެންނަމަވެސް ވަހީދުއަކީ ދާއިމީކޮށް ހިތުގެ ބައްޔަށް ބޭސްކުރާ މީހަކަށް ވެފައި، ދިރިއުޅެމުންދަނީ ފޭސް ދޭއްގައި ކަމުން ކުއްލި ހާލަތެއްގައި ވެސް އައިޖީއެމްއެޗަށް ދާން ލަސްވެދާނެތީ ހިތުގެ ހާއްސަ ޑޮކްޓަރަކާއި ވާހަކަދެއްކޭނެ ގޮތެއް ހަދައިދިނުމަށް އެ އާއިލާއިން ވަނީ އެދިފަ އެވެ. އަދި އައިޖީއެމްއެޗްގައި އީއާރް އިން ވަނީ ޑިސްޗާޖްކޮށްލަނީ ހިތުގެ ޑޮކްޓަރަކާއި މަޝްވަރާކުރުމަށް ފަހު ކަމަށާއި، އަދި ކަމެއް ދިމާވެއްޖެނަމަ އެ ފަރާތުން ޒިންމާ ނަގާނެކަމަށް ބުނެފަ އެވެ.
އަނެއްކާވެސް ޖެހިގެން އައި ދުވަސް (11 އޮގަސްޓް) ވަހީދުގެ މޭގައި ރިއްސާ އުނދަގޫވާތީގެ ދެވަނަ ފަހަރަށް އައިޖީއެމްއެޗަށް ދިޔައެވެ. މިފަހަރު އީއާރްއިން ވަހީދުއަށް ކުއްލި ފަރުވާ ދިނުމުގެ ބަދަލުގައި އޯޕީޑީއަށް ދިއުމަށް އެންގިކަމަށް ވަހީދުގެ އާޢިލާއިން ވަނީ ބުނެފަ އެވެ. އޯޕީޑީ ކއުގައި އެއްގަޑިއިރުވަންދެން އިންއިރު ވަހީދުއަށް މޭގައި ރިއްސާވަރުން ރަނަގަޅަށް ގޮނޑީގައިވެސް ނީނދެވޭކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
އޯޕީޑީ ކިއުގައި އިންއިރު، ވަހީދުގެ ހާލަތު އިތުރަށް ގޯސްވާތީ އަވަސްކޮށްލަ ދިނުމަށް ކައުންޓަރުގައި ވެސް ވަނީ އެދިފައެވެ. އެހެންނަމަވެސް އެވަގުތު ކައުންޓަރުގައި އިން ކުއްޖާ ވާހަކަދެއްކީ ވަރަށް ރުންކުރުކޮށް ކަމަށް އާޢިލާއިން ވަނީބުނެފަ އެވެ.
ވަހީދަށް ފަރުވާ ލިބިފައިވަނީ އެއްގަޑިއިރު ކިއުގައި އިނުމަށްފަހު، އޯޕީޑީއަށް ދައްކާ އަދި އޭގެފަހުން އީއާރްއަށް ގެންގޮސްގެންނެވެ. އަދި އެ ހޮސްޕިޓަލްގައި ހުންނަ ނެޝަނަލް ކާޑިކް ސެންޓަރ (އެންސީސީ)އަށް ކޭސް ފޮނުވާފައި ވަނީ އީއާރްގައި ވަހީދު ބާއްވާފައި އޮންނަތާ ގަޑިއެއްގެއިރު ފަހުންނެވެ. އޭރު ވަހީދުގެ ހިތަށް ލޭ ފޮވައިދޭ ހޮޅީގެ 99 އިންސައްތަ ވަނީ ބްލޮކް ވެފައެވެ. އަދި އެންސީސީއިން ވަނީ ފުރަތަމަ ދުވަހު އީއާރްއިން ވަހީދު ޑިސްޗާޖްކޮށްލީ އެ ސެންޓަރުގެ ލަފާ އެހުމެއްނެތި ކަމަށް ބުނެފައެވެ.
އައިޖީއެމްއެޗްގެ އީއާރްގެ މި ފަރުވާކުޑަ އަމަލުގެ ސަބަބުން ވަހީދުއަށް ވަނީ ދެވަނަ ފަހަރަށް އެންޖީއޯޕްލާސްޓީ ހަދައި އިތުރުން ސްޓެންޓެއް ލައްވަން ޖެހިފަ އެވެ. އަދި އިތުރަށް ލަސްވިނަމަ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތުވެސް އޮތެވެ. އީއާރްގެ މި އަމަލު ކުށްވެރިކޮށް އެ އާއިލާއިން ވަނީ އައިޖީއެމްއެޗަށް މި މައްސަލަ ރިޕޯޓްކޮށްފަ އެވެ. އަދި އެ ހޮސްޕިޓަލުން 3 ދުވަސްތެރޭގައި ޖަވާބެއް ދޭނަމޭ ބުނި ނަމަވެސް މިއަދާއި ހަމަޔަށް ވެސް ހަބަރެއްނުވާކަމަށް އާޢިލާއިންވަނީ ބުނެފަ އެވެ.
"އީއާރްއިން ކަމެއް ވީއްޔާ ޒިންމާ ނަގާނަމޭ ބުނިނަމަވެސް ފުރާނައެއް ގެއްލިގެން ދިއުމަށްފަހު ޒިންމާ ނެގިޔަސް ފުރާނައެއް އަލުން ނުލިބޭނެދޯ… ބައްޕައަށް ފަރުވާލިބުން ލަސްވީ އަސްލު އީއާރް ފަރުވާކުޑަކޮށްލުމުން.." ވަހީދުގެ ދަރިފުޅު ބުނެފަވެއެވެ.


