ރާއްޖެއާއި އިއްޔެ ގުޅާލި ދިވެހި ސަރުކާރުގެ ފުރަތަމަ ސަބްމެރިން ކޭބަލްގެ ހިދުމަތާއެކު، މިއީ ދިވެހި ރައްޔިތުންނާއެކު އާ ދުނިޔެއަކަށް ފެސީ ދަތުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސަބްމެރިން ކޭބަލް "އިންޑިއާ އޭޝިއާ އެކްސްޕްރެސް ސަބްމެރިން ކޭބަލް" ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓަށް ރަސްމީކޮށް ގުޅާލުމަށްފަހު ރައީސް ސޯލިހް ވިދާޅުވީ މިއަދު ހަގީގަތަކަށް ވެގެން މިދިޔައީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން ކަމަށެވެ.
"މި ސަބްމެރިން ކޭބަލްއާ އެކު ދިވެހި ރައްޔިތުންނާ އެކު ވަކިން ހާއްސަކޮށް ދިވެހި ޒުވާނުން ގޮވައިގެން އަޅުގަނޑުމެން ދަތުރު މިފަށަނީ މުޅިން އާ ދުނިޔެއަކަށް. މިއީ ހަމައެކަނި މުއާސަލާތީ ގޮތުން ކުރެވޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއީ ޑިޖިޓަލް ރާއްޖޭގެ ފެށުން ކަމަށާއި ފައިބާ ކޭބަލާއެކު ސަރުކާރުން ފަށައިފައިވާ ސެޓްލައިޓް ސްކޫލުގެ ހިދުމަތްތަކަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިއީ މީގެ އެތަކެއް އަހަރެއް ކުރިން ކޮށް ނިންމާފައިވާ މަސައްކަތަކަށް ވާން ޖެހޭ ކަމަށެވެ.
އިންސާނުން އުފެއްދި އާޓިފިޝަލް ޓެކްނޮލޮޖީ، އިންސާފުން ފަހަތުން ދުވާއިރު، ރާއްޖެއިން އަދިވެސް މަސައްކަތް ކުރަމުންދަނީ އިންޓަނެޓުގެ ސްޕީޑު ފަހައި ކަމަށް ރައީސް ވިދާޅުވިއެވެ. އަލަށް އެޅުނު ކޭބަލާއެކު ޓެކްނޮލިޖީއަށް ޝައުގުވެރިވާ ޒުވާނުންނާއެކު މި ދަތުރުކުރަނީ މުޅިން އާ ދުނިޔެއަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ސަބްމެރިން ކޭބަލްއާ އެކު ދިވެހި ރައްޔިތުން ގޮވައިގެން, ހާއްސަކޮށް ދިވެހި ޒުވާނުން ގޮވައިގެން އަޅުގަނޑުމެން ދަތުރު މި ފަށަނީ މުޅިން އާ ދުނިޔެއަކަށް. މިއީ ހަމައެކަނި މުއާސަލާތީ ގޮތުން ކުރެވޭ ކަމެއް ނޫން. ޑިޖިޓަލް ދުނިޔޭގެ އުދަރެސްތައް އެއަށްވުރެ މާ ފުޅާ," ރައީސް ވިދާޅުވިއެވެ.
އެ ކޭބަލަކީ ޑިޖިޓަލް ސިޔާސަތުގެ ދަށުން އިންޓަނެޓް އެކްސްޕޯޓް ކުރުމަށާއި އިންޓަނެޓް އަގު ހެޔޮކޮށް އަދި އަވަސް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެޅި ކޭބަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.


