Tuesday, 28 July 2026
އިންތިހާބު ބޮއިކޮޓް ކުރުމާ ގުޅޭ ގޮތުން އިދިކޮޅުގެ ސެނެޓުން ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުން ހޫނުވެ ޕީޕީއެމް ސަޕޯޓަރުން އެ ޕާޓީގެ އޮފީސް ދޮށަށް އެއްވުން -- ފޮޓޯ ނަޒީމް ނައުޝާދު

އިންތިހާބު ބޮއިކޮޓު ކުރަން ފާހެއްނުވި

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ޕީޕީއެމް/ޕީއެންސީ ސެނެޓުން ދާދި ދެންމެއަކު ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމް/ޕީއެންސީ ސެނެޓްގައި ނެގި ވޯޓުގައި 67 މެމްބަރުން ވޯޓު ދެއްވީ އިންތިހާބު ބޮއިކޮޓް ކުރުމާ ދެކޮޅަށެވެ. ބޮއިކޮޓް ކުރަން ފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދެއްވިއެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ސެނެޓްގައި ވޯޓަށް އެހުމަށް ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ އެކު އިންތިހާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމްއާއި ޕީއެންސީގެ ސެނެޓަށް ޔާމީން އެންގެވުމާ ގުޅިގެންނެވެ.

އިންތިހާބު ބޮއިކޮޓް ކުރުމަށް ރިޔާސަތުން ވޯޓަށް އެހުމާ އެކު އެވަގުތު ސެނެޓް ބައްދަލުވުމުގައި ތިބި ބައެއް މެންބަރުން ވަނީ ބޮއިކޮޓް ކުރުމަށް ވޯޓަށް ނޭހޭނެ ކަމަށް ބުނެ އެތަނުގައި އަޑުގަދަކޮށްފަ އެވެ. އަދި ހަމަ އެވަގުތު އެތަނަށް ބަޔަކު ވަދެ ވަނީ ހަމަނުޖެހުންތަކެއް ހިންގާފަ އެެވެ.

ޕީޕީއެމް އޮފީސް ތެރޭގައި ހަމަނުޖެހުމެއް ހިންގާފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވެސް ބުނެފައިވެ އެވެ. އަދި ހަމަނުޖެހުން ހިންގި މީހުން ޕީޕީއެމް އޮފީސް ތެރެއިން މިހާރު ވަނީ ނެރެފަ އެވެ.

ސެނެޓްގައި ބައެއް މެންބަރުން ހަޅޭއްލެވުމާ ގުޅިގެން ބައްދަލުވުންވެސް މިވަގުތަށް ވަނީ މެދުކަނޑާލާފަ އެވެ. މިއަދު މެންދުރުފަހު 1:30 ގައި ފެށި ބައްދަލުވުން މެދުކަނޑާލުމުގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ އެކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ފާސްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *