ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވަން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސްގެ ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނުގެ މައި މަރުކަޒަށް ވަޑައިގަތީ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒް އާއި ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ.
ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވަ އެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. ރައީސް 24،566 ވޯޓު ހޯއްދެވި އިރު ނަޝީދަށް ލިބިވަޑައިގަތީ 15،641 އެވެ.
ދެ ވަނަ ދައުރަކަށް ރައީސް ވާދަކުރައްވާއިރު އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ސިޔާސީ މަސައްކަތުގައި އެންމެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެއް ބޭފުޅާ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި، މަޖިލިސް މެމްބަަރަކަށް ހުންނަވައި ވާދަކުރެއްވިއިރު، ޅ. އަތޮޅު މެމްބަރުގެ ގޮތުގައި 1994 ގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ފަސް ދައުރު އެމަނިކުފާނު ފުރުއްވި އެވެ.


