ސާބިތު ދަރަންޏެއް އޮތުމުން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކެންޑިޑެސީ ފޯމް ވަނީ ބޭރުކޮށްލައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.
އެ މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. އަދި ހުސްނުއްސުއޫދުގެ ރައުޔަށް ބާކީ ފަނޑިޔާރުން ވަނީ ތާއިދު ކުރައްވާފަ އެވެ.
ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ، ޔާމީންގެ ކުށުގެ ރެކޯޑަށް ބެލުމުން، 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާކަން އެނގެން އޮތުމުން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ.ގައިވާ ގޮތުގެ މަތިން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް އީސީން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.


