ގާތްގަނޑަކަށް ދޮޅު މަހުގެ ބޮޑު ބަންދަކަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއަދު ހެނދުނު ކިޔެވުން ފަށައިފި އެވެ.
ނިމިގެން ދިޔަ ދިރާސީ އަހަރަށް ސްކޫލުތައް ބަންދުވީ ޖޫން 22 ގަ އެވެ. ތައުލީމީ އާ އަހަރެއްގެ ކިޔެވުން މިއަދު ފެށީ 216 ސްކޫލެއްގައި ޖުމުލަ 84،200 ދަރިވަރުންނާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ ސްކޫލުތަކުގެ ތެރެއިން 156 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެ އެވެ.
ގްރޭޑް އެކަކަށް 7،000 އަށް ވުރެ ގިނަ ކުދިންނަށް އަލަށް މި އަހަރު ޖާގަ ދީފައިވާއިރު، އޭގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ސަރުކާރުގެ ސްކޫލްތަކަށް 2،491 ކުދިން ކިޔަވާނެ އެވެ.
މި ދިރާސީ އާ އަހަރުގައި ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކުގެ އަދަދަކީ 216 އެވެ. އޭގެ ތެރޭގައި މާލޭގައި އަލަށް ކިޔަވައިދޭން ފަށާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމާލޭގައި ހެދި ސީއެޗްއެސްއީގެ އާ އިމާރާތް އަދި ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ސަލާހުއްދީން ސްކޫލް ހިމެނެ އެވެ.
އެ ތިން ސްކޫލްގައި ވެސް ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. ދަރުމަވަންތަ ސްކޫލް ކުރިން ހިންގި އިމާރާތަށް އަރަބިއްޔާ ސްކޫލްގެ ކުދިންގެ ކިޔެވުން މިއަދުން ފެށިގެން ވަނީ ވަގުތީ ގޮތުން ބަދަލުކޮށްފަ އެވެ. އަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތުގެ މަސައްކަތް އަދިވެސް ނުފަށަ އެވެ.
ޖާގައިގެ ދަތިކަން ކުރިން ކުރިމަތިވެފައިވާ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މި ދިރާސީ އާ އަހަރު ފަށަނީ، ކުރިން ދަރުމަވަންތަ ސްކޫލު ހިންގި އިމާރާތުގަ އެވެ.
ދިރާސީ އާ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހެނދުނު ދެއްވި ހިތޯބުގައި ވިދާޅުވީ މިއަދަކީ "އުފާވެރި ދުވަހެއް، ހިނިތުން ކުރުވާ ދުވަހެއް" ކަމަށެވެ.
"ސަބަބަކީ، މިއަދަކީ ބޮޑު ބަންދަކަށް ފަހު، އަލުން އާ ދިރާސީ އަހަރެއް ފެށޭ ދުވަސް ކަމަށް ވާތީ. އެތަކެއް ހާސް ދަރިވަރުންނާއި ބެލެނިވެރީންނާއި މުދައްރިސުންގެ އިންތިޒާރު ނިމި އަލުން، އާ ފެށުމަކުން، އާ ރޫހެއްގައި، ޖޯޝާއި ފޯރިއާއެކު އުނގެނުމުގެ ހަރަކާތްތައް ފެށޭ ދުވަހަށް ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ނިމިފައި ކަމަށާއި ޓީޗަރުން ވެސް ހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުންނެވެ.


