މިއަދު މާލޭ ސަރަހައްދަށް އުދަ އަރަމަުންދާތީވެ ޒަރޫރީ ހާލަތެއްގައި މެނުވީ މާލެއިން ހުޅުމާލެއަށް ދަތުރުނުކުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މިއަދު އުދަ އަރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވެސް ވަނީ ބުނެފަ އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އާންމުކޮށް ވެސް މަޖީދީ މަގު ހެންވެއިރު ކޮޅުން އުދަ އަރަ އެވެ. މިއަދުގެ އުދައިގައި އެ ސަރަހައްދުގެ އިތުރުން ބްރިޖާ ދިމާއިން ވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވެފަ އެވެ. ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ބްރިޖު ސަރަހައްދަށް އެރި އުދައިގައި ދަތުރުކުރަމުންދިޔަ ބައެއް އުޅަނދުތައް ވަނީ ލޮނުގަނޑުގެ ތެރެއަށް ދަމާލައި އެކި ވަރުގެ ގެއްލުން ވެފަ އެވެ.
މި ސަރަހައްދުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގެ ގާތަކުގެ މަތިން ވެސް އަންނަނީ އުދަ އަރަމުންނެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އުދައިގައި އެ ސަރަހައްދުގައި ހުރި އުޅަނދުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ފުލުހުން މިކަމާއި ގުޅިގެން ވަނީ އާންމުންނަށް ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޒަރޫރީ ހާލަތެއްގައި ދަތުރުކުރަން ޖެހިއްޖެނަމަ ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މިއަދު އެރި އުދައިގެ ސަބަބުން އަނިޔާ ލިބުނު 6 މީހަކަށް ސެނަހިޔާ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.


