Tuesday, 28 July 2026
ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާތީ، އެ މައްސަލައަށް ވަނުމަށް ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ސުޕްރީމް ކޯޓު ބޭރުގައި -- ސައުވީސް ފޮޓޯ؛ ނަޒީމް ނައުޝާދު

ސުޕްރީމް ކޯޓަށް ކަރަންޓުދީ، ޔާމީން ކޯޓަށް ހާޒިރުކޮށްފި!

ސުޕްރީމް ކޯޓަށް އަނބުރާ ކަރަންޓް ދިނުމާއެކު، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ފަށަން ތައްޔާރުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަން މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން، އެ ކޯޓުގައި ކަރަންޓު ނެތުމުގެ ސަބަބުން ވަނީ ލަސްވެފައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު 3:00 އަށެވެ.

އަޑުއެހުންތައް ފެށުމަށްޓަކައި ރައީސް ޔާމީނާއި އެމަނިކުފާންގެ ވަކީލުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުންގެ ވަކީލުން ވެސް މިހާރު ވަނީ ކޯޓަށް ވަޑައިގެންފައެވެ.

އެ އަޑުއެހުމަށް ވަނުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްއާއި ސަޕޯޓަރުން މެންދުރު ވަނީ އެ ކޯޓް ސަރަހައްދުގައި ކިޔޫ ހަދައިފައެވެ. އޭގެ ތެރެއިން ބައެއް މީހުން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޔާމީންގެ ކެންޑިޑެސީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީއެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *