"މައި އާސަންދަ" ނަމުގައި ވެބް ޕޯޓަލްއެއް ތައާރަފުކޮށް، އާސަންދައިގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭ އިންތިޒާމު އިއްޔެ ހަމަޖައްސައިފި އެވެ.
އޮންލައިންކޮށް ހިދުމަތް ހޯދޭނެ ގޮތް ހަމަޖެއްސުމާ ގުޅިގެން އާސަންދަގެ އެހީގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ މީހުން ޑޮކްޓަރުގެ ރިކޮމަންޑޭޝަން ފޯމު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުށަހެޅޭނީ ޕޯޓަލް މެދުވެރިކޮށެވެ.
އެ ކުންފުނިން ދޭ އެހެން ހިދުމަތްތައް ވެސް ދެން ލިބޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށް ބުންޏެވެ. އޭގެ ތެރޭގައި؛
• ޑޮކްޓަރުންނަށް ރެކޮމެންޑޭޝަން ފޯމު ޕޯޓަލްގެ ތެރެއިން ފުރައިދެވޭނެ.
• އާސަންދައިގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ.
• އެޕްލިކޭޝަންގެ ސްޓޭޓަސް ޕޯޓަލް އިން ބެލޭނެ.
• އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާ ނަމަ، އެވެސް ޕޯޓަލްގެ ތެރެއިން ހުށަހެޅޭނެ.
އެ ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގިން ވެވޭނެ އެވެ.
އާސަންދަ އަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދާ ހިދުމަތެކެވެ. އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ލިބޭނެ ގޮތް ހަމަޖެހުމާ ގުޅިގެން މިއީ ހިދުމަތް ހޯދާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެ އެވެ.
އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ތަފާތު ބަލިތަކުގައި ފަރުވާ ހޯދުމަށް 532 މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވެ އެވެ.


