Tuesday, 28 July 2026
އަބްދުﷲ ޔާމީން -- ފޮޓޯ އެޑިޝަން.އެމްވީ

ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމާ ގުޅިގެން އެ މަނިކުފާނުގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން އިންތިހާބަށް ކުރިމަތިލެއްވުމަށް ޕީޕިއެމްއިން އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހެނދުނު ކެންޑިޑެސީ ފޯމު ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ، ޔާމީންގެ ކިބައިގައި ރައީސްކަމަށް  ވާދަކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވާތީ ފޯމު ބަލައިނުގަތުމަށެވެ.

އެއީ، އެ މަނިކުފާނަށް އިއްވާފައިވާ ޖަލު ހުުކުމްގެ ސަބަބުން ކަމަށް ކޮމިޝަންގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.

އިލެކްޝަން ކޮމިޝަނަށް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅީ އިއްޔެ ހެނދުނެވެ. ނަމަވެސް ޔާމީންގެ ގާނޫނީ ޝަރުތެއް އުނިވެފައިވާ ކަމަށް އެ ކޮމިޝަނުން ހަވީރު ނިންމައި ފޯމު ބަލައި ނުގަތެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ރޭ ފަތިހު ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވައިފަ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *