Tuesday, 28 July 2026

ޔާމީންގެ ކެނޑިޑެންސީ ފޯމު ހުށަހަޅައިފި

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.

ޕީޕީއެމް އޮފީހުން ސެނެޓުގެ ބައެއް މެމްބަރުން ހިންގަވާފައި ދަރުބާރުގޭގައި ހިންގާ އިންތިހާބާ ބެހޭ މައި މަރުކަޒަށް ވަޑައިގެން ޔާމީންގެ ފޯމު ހަވާލުކުރެއްވިއިރު، އިސްކޮށް ހުންނެވީ އެމަނިކުފާނުގެ ރަނިން މޭޓް، ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނަށް ބައިވެރިވެވަޑައިނުގެންނެވުނީ ޔާމީންގެ މަންމާފުޅު ފާތުމަތު ހަސަން އަވަހާރަވެގެން ޖަނާޒާއަށް ސްރީ ލަންކާގައި ތިއްބެވުމުންނެވެ.

ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރިޔަސް ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެ އެވެ. އެކަމަކު ގާނޫނުއަސާސީގައި ބުނާ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝަރުތެއް އެމަނިކުފާނުގެ ވަނީ އުނިވެފަ އެވެ.

ރައީސް ޔާމީންގެ ފޯމާ އިލެކްޝަންސް ކޮމިޝަނުން ހަވާލުވުމަށްފަހު ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާ މެދު ކޮމިޝަނުން ނިންމާ ގޮތެއް ގާނޫނުގައިވާ ގޮތުގެ މަތިން ގިނަވެގެން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި މިއަދު އިރުއޮއްސި 6:00 ޖެހުމުގެ ކުރިންވެސް ޖަވާބެއް ދެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

"ކޮމިޝަނުން ގޮތެއް ނިންމުން ގަސްދުގައި ލަހެއް ނުކުރާނަން،" ހަބީބް ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމު ހުށަހެޅުއްވި ފުރަތަމަ ބޭފުޅާ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *