ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލް ތަކަށް ސަރުކާރުން ދޭ އެހީގައި މިއަހަރަށް ބަޖެޓުގައި ހިމަނާފައި ވާ 30،800،000 ރުފިޔާގެ އެހީ އެންވާރަމަންޓް މިނިސްޓްރީން ކައުންސިލްތަކާ ހަވާލު ކޮށްފިއެވެ.
ކުނި މެނޭޖްކުރުމަށްޓަކައި ގްރީން ފަންޑުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާގައި ރަސްމީކޮށް އެކަން އިއުލާނުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.
މިއީ ސަރުކާރުން ކައުންސިލްތަކަށް ކުނި މެނޭޖްކުރުމަށް އެހީގެ ގޮތުގައި ފައިސާ ދޭ ފުރަތަމަ ފަހަރެވެ. އަދި މި ފައިސާ ހަވާލު ކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު، އެ ރަސްމިއްޔާތުގައި 178 ކައުންސިލުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ގްރީން ފަންޑުގެ ދަށުން ރަށް ރަށުގެ ކުނި މެނޭޖްކުރުމަށް ހަވާލުކުރާ 30.8 މިލިއަން ރުފިޔާ ވަކި އުސޫލެއްގެ ތެރެއިން ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި މި ފައިސާ ނިންމުމަށް ކަނޑައަޅާފައި ވަނީ އެ ރަށެއްގެ ބޮޑު މިނަށާއި، އާބާދީއަށާއި ގޭބީސީތަކުގެ މައްޗަށް ބިނާކޮށް، އަދި މިހާރުވެސް ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ މިންވަރަށް ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އެހީ ފޯރުކޮށް ދިން ނަމަވެސް މިހާރުވެސް ރަށްރަށުގައި ކުނި މެނޭޖްކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ވެސް ޝައުނާ ވަނީ ދެއްވާފައެވެ. އެފަދަ ކަންކަމުގެ ތެރޭގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމް ކުރުމާއި އެތަންތަނަށް ބޭނުންވާ އާލާތްތައް ފޯރުކޮށް ދިނުމާއި ރަށުން ކުނި ބޭރުކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރެވޭނެ ގޮތްތައްވެސް ފަހިކޮށްދޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވި ކައުންސިލްތަކުން ވަނީ ޒަމާނުއްސުރެ ކައުންސިލްތަކުން ކުރަމުން އައި ކުނި މެނޭޖްކުރުމުގެ މައްސަލަތަކުގެ ޝަކުވާއަށް އިޖާބަ ލިބުނު މިއީ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްފައެވެ. އަދި މިއީ އެރަށްރަށަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަން ފާހަގަކޮށް ކައުންސިލްތަކުން ވަނީ ޝުކުރު އަދާކޮށްފައެވެ.


