ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރު ގީލާ އަލީ އެދިވަޑައިގެންނެވި ގޮތުގެ މަތިން، 250،000 ރުފިޔާގެ އަގުހުރި އަސާސީ ބޭހުގެ ޝިޕްމަންޓެއް ސްރީލަންކާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދީފިއެވެ.
މި ބޭހުގެ އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ސްރީލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައެވެ. މި ތަކެތި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދެވެ. އެމަނިކުފާނަށް ބޭހުގެ އެހީ ރަސްމީކޮށް ހަވާލުކޮށްދެއްވީ ސްރީލަންކާގެ ހެލްތު މިނިސްޓަރު ޑރ. ނަލިންދާ ނަލިންދަ ޖަޔަތިސާއެވެ.
މި އެހީ ފޯރުކޮށްދިނުމުގައި ސްރީލަންކާގެ މެޑިކަލް ސަޕްލައިސް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލްސް މެނުފެކްޗަރިން ކޯޕަރޭޝަންގެ އިތުރުން ޗޭމްބާ އޮފް ދަ ފާމަސޫޓިކަލް އިންޑަސްޓްރީން ވަނީ ބައިވެރިވެފައެވެ.
ބޭހުގެ އެހީއާ ހަވާލުވެވަޑައިގަތުމަށްފަހު ހައި ކޮމިޝަނަރު މަސްއޫދު އިމާދު ވަނީ ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ދެއްވި އެއްބާރުލުމަށްޓަކައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ.


