Monday, 26 October 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އެކްސް

ޕާކިސްތާނާއެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ ރާއްޖެއަށް ނުރައްކަލެއް: ނަޝީދު

އިންޑިއާއާ ވާދަވެރި ޕާކިސްތާނަކާއެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ ރާއްޖެއަށް ނުރައްކަލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނާއެކު މިލިޓަރީ ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް 20 އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ދެ ދުވަހު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައި ވެސް މި ވަގުތު ހުންނެވި ނަޝީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށެވެ. ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޕާކިސްތާނާއެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް، ރާއްޖެއަށް ނުރައްކާވާނެ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއާއި ޕާކިސްތާނުން ގުޅިގެން ދެއްވި ބަޔާނުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ކަޝްމީރުގެ މައްސަލައާއި އިންޑަސް ފެނުގެ މުއާހަދާ ގުޅޭ ގޮތުން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ވާހަކަތައް ރައީސް މުއިއްޒުއާ ހިއްސާކުރައްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ކަމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ދެކުނު އޭޝިއާގެ ސަރަހައްދީ ޖަމާއަތް ސާކް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް މެދުވެރިއަކަށް ވާން ރާއްޖެ ތައްޔާރަށް އޮތް ކަމަށް ވިދާޅުވާ ވާހަކަ އެ ދުވަހު ދެއްވި ބަޔާނުގައި ވެސް ތަކުރާރުކުރެއްވިއެވެ. ސާކްގެ ގައުމުތަކުގެ ތެރޭގައި އެންމެ ބޮޑު ނުތަވަނަވަސްކަމެއް އޮތީ ވެސް އިންޑިއާ އަދި ޕާކިސްތާނާ ދެމެދުގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *