Monday, 26 October 2026

މާލެ ފެންބޮޑުވެއްޖެ، މާލެއާއި ކައިރި އަތޮޅުތަކަށް ކަނޑުގަދަ!

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ބޮޑުވި ފެންހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ފެންބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ. އެގޮތުން ހަލާކުވާފަދަ މުދަލާއި ހިފާގެންގުޅޭ ތަކެތި އުސް ތަންތަނަށް ބަދަލުކުރުމަށާއި، ބޯކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލިބޯނި ޖެހުމަށް ވަނީ އެދިފައެވެ. ކުއްލި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން 911 އަށް ގުޅުމަށް އެންޑީއެމްއޭއިން އިރުޝާދު ދެއެވެ.

މާލޭގެ 10 ސަރަހައްދެއް މި ވަގުތު ފެން ބޮޑުވެފައިވެއެވެ. އެއީ ވެސްޓް ޕާކް، އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ބޮޑުވަޅު، ސަލްމާން މިސްކިތް، ޖެލީ ޕިއްޒާ، ކުޑަކުދިންގެ ބަގީޗާ، ސްވިމިން ޓްރެކް، މާފަންނު މަދަރުސާ، އަދި ސްކޭޓް ޓްރެކެވެ.

މީގެ އިތުރުން، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އުޅަނދުފަހަރުގެ އޮޕަރޭޓަރުން ދަތުރަށް ފުރުމުގެ ކުރިން މޫސުމީ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ އާލާތްތަކާއި މުވާސަލާތީ ވަސީލަތްތައް ހަމައަށް ހުރިތޯ ކަށަވަރުކުރުމަށް އޮތޯރިޓީތަކުން ވަނީ އަންގާފައެވެ. އަދި އޮރެންޖު ނުވަތަ ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި ފީނުމާއި ކަނޑުގެ ކުޅިވަރުތައް ކުރިއަށް ނުގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ވަގުތު ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، އަދި ވ. އަތޮޅަށް ރީނދޫ އެލާޓް ވަނީ ނެރެފަ އެވެ. ފާއިތުވި ދެ ގަޑިއިރަށް މި އަތޮޅުތަކަށް އޮރެންޖު އެލާޓު ވެސް ނެރުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *