Monday, 26 October 2026

ރައީސް މުއިއްޒާއެކު އޮތް ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު އިންޑިއާއަށް ފާޑުވިދާޅުވެއްޖެ

ޕާކިސްތާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކުރައްވަމުންދާ ދައުލަތުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި، އިންޑިއާއާއެކު އޮތް ހައްސާސް މައްސަލަތައް ކަމަށްވާ ކަޝްމީރުގެ މައްސަލައާއި އިންޑަސް ވޯޓާސް ޓްރީޓީ (އިންޑަސް ފެނުގެ މުއާހަދާ) އާ ގުޅޭގޮތުން ޕާކިސްތާނުން ގެންގުޅޭ ކަންބޮޑުވުންތައް އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް، ރައީސް މުއިއްޒުގެ އަރިހުގައި ހިއްސާކުރައްވައިފި ކަމަށް ވިދާޅުވެއްޖެއެވެ.

އިސްލާމާމުއާބާދުގައި ބޭއްވި މި ބައްދަލުވުމުގައި ބޮޑުވަޒީރު ޝަރީފް ވަނީ، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލަ ނިންމުން ނިންމުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ޕާކިސްތާނުން ދެކޭ ދެކެވުން ތަކުރާރުކުރައްވާފައެވެ. އަދި 1960 ވަނަ އަހަރު ސޮއިކުރެވުނު އިންޑަސް މުއާހަދާ އިންޑިއާއިން ހިފެހެއްޓުމަށް ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން، ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށާއި، ފެނުގެ ވަސީލަތްތަކަކީ ސިޔާސީ މަންފާއަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު އައްބާސް ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެމަނިކުފާނު ވެސް ތަކުރާރުކުރެއްވީ އަބަދުވެސް ވަކަލާތުކުރައްވަމުން ގެންދަވާ ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމުގެ ޖަމިއްޔާ (ސާކް) ގެ ކުރިއަށް ހުރި ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިކުރުމުގައި ދިވެހިރާއްޖެއިން އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސާކް ސަމިޓްގެ ބައްދަލުމެއް އެންމެ ފަހުން ބޭއްވުނީ 2014ވަނަ އަހަރު ނޭޕާލްގައެވެ. ސާކްގެ ހަރަކާތްތެރިކަން ކުޑަވުމަށް މެދުވެރިވާ އެއް ސަބަބަކީ ގައުމުތަކުގެ މެދުގައި ހުރި ބައެއް ނުތަނަވަސްކަމެވެ. އޭގެ ތެރޭގައި އިންޑިއާ އަދި ޕާކިސްތާނުގެ ދެމެދު އޮތް ނުތަނަވަސްކަން ވެސް ހިމެނެއެވެ.

ދިވެހިރާއްޖެއަކީ ޕާކިސްތާނާއި އިންޑިއާއާއެކުވެސް ބަދަހި ޚާރިޖީ ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށްވާތީ، ސަރަހައްދީ ހަމަޖެހުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ނުހަނު މުހިންމު އިސްކަމެއް ދެވޭ ކަމެއްގެ ގޮތުގައި ރައީސް މުއިއްޒު އަބަދުވެސް ފާހަގަކުރައްވައެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިކަމުގެ 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މި ދަތުރުފުޅަކީ ރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި އިގްތިސާދީ އަދި ތަރައްގީގެ ދާއިރާއިން ގުޅުން އިތުރަށް ވަރުގަދަކުރުމަށް ލިބުނު ފުރިހަމަ ފުރުސަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *