ދައުލަތުގެ ތިން ބާރު ހިންގާ މައި އިމާރާތްތައް، ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގައި ހުޅުޖެހުން މަޖާވާނެ ކަމަށް ވިދާޅުވި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ހައްޔަރުކޮށްފިއެވެ.
މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ހަސަން ޒިހާން އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ، ސުޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގައި "އަހަރެމެންނަށް ހުޅުޖަހަން ނުލިބެނީ ކީއްވެތޯ" އާއި އެއީ "މަޖާކަމަކަށް ވާނެ" ކަމަށެވެ.
އޭނާ ފޭސްބުކްގައި އެހެން ލިއުއްވީ، އަލްބޭނިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި އަލްބޭނިއާގެ ސުޕްރީމް ކޯޓުގައި ހުޅުޖެހި ކަމަށް އަލް-ޖަޒީރާގައި ލިޔެފައި އޮތް ހަބަރެއް ޝެއާކުރައްވަމުން އެ ކަމަށް ރިއާޔަތްކޮށެވެ.
މިދިޔަ ސަރުކާރުގައި ސިފައިންގެއިން ވަކިކުރި އަދި މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަކިކުރި ޒިހާން މިރޭގެ ވަގުތެއްގައި، ޏ. ފުވައްމުލަކުގައި ހުންނަވަނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ޒިހާން ވަނީ ފަހުން މި ބުނާ ޕޯސްޓް ޑިލީޓްކޮށްފައެވެ.


