ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދެންމެ އެ ގައުމަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަަނބަލުންނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޕާކިސްތާނުގެ މެރިޓައިމް ސެކުއިރިޓީގެ މިނިސްޓަރު މުހައްމަދު ޖުނައިދު އަންވަރު ޗައުންދަރީއެވެ. މަރުހަބާ ދެންނެވުމަށް ރަތް ދޫލަ ތައްޔާރުކޮށްފައިވާއިރު، ފްލައިޓުން ނުކުމެވަޑައިގެން ރައީސްގެ ދެކަނބަލުން ހިންގަވައިވަޑައިގަތީ ރަތް ދޫލައިންނެވެ.
މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމަށާއި، އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ފަހުމުނާމާތަކެއް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި، ފާއިތުވި 10 އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސްގެ މި ދަތުރުފުޅަކީ، 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ކެބިނެޓް ވަޒީރުންގެ ވަފުދު މިއަދު ހެނދުނު ވަނީ ޕާކިސްތާނަށް ވަޑައިގެންފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ދެކުނު އޭޝިއާގެ ގައުމުތަކުން ބައިވެރިވާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަލުން ހަރަކާތްތެރިކުރުމަށް ރާއްޖޭން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް އޮތް ކަމަށް އެމަނިކުފާނު އިއުލާންކުރައްވާފައި ވަނިކޮށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު ދިވެހިރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.


