މި މަހުން ފެށިގެން ބޭރުގެ އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު އުވާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ޖީއެސްޓީގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގައެވެ. އެ ހިދުމަތްތަކުން 17 ޕަސެންޓްގެ ޓެކްސްއެއް ނަގާ ގޮތަށް ގެނައި އިސްލާހާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސަރުކާރުން ވަނީ އެ ޓެކްސް ތަންފީޒުކުރުމުގެ ސިޔާސަތު ބަދަލުކުރަން ނިންމައިފައެވެ.
ގާނޫނުގެ އެ މާއްދާ އުނިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީއެވެ. އެ ބިލުގެ ފުރަތަމަ ކިއުން ވަނީ މިއަދު ބޭއްވި ޖަލްސާގައި އިއްވައިފައެވެ.
މި މަހުގެ ކުރީކޮޅު ރާއްޖޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ޓޫރިޒަމް މިިނިސްޓަރު މުހައްމަދު އަމީން ވަނީ އެ ޓެކްސްއާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން ގާނޫނަށް އިސްލާހު ގެންނަން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް އިއުލާންކުރައްވައިފައެވެ.
"މިކަމާ ގުޅިގެން އިންޑަސްޓްރީގެ އިސް ފަރާތްތަކުންނާއި ޓްރެވަލް އެޖެންޓުންގެ ވަރަށް ގިނަ ފަރާތްތަކުން ރައީސް [މުހައްމަދު މުއިއްޒުގެ] އަރިހަށް ވަރަށް ގިނަ ރިކުއެސްޓުތަކެއް ފޮނުއްވާފައި. މިވަގުތު ރައީސް ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީގެ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނައުމަށް،" އަމީން ވިދާޅުވި އެވެ.
ގާނޫނަށް އިސްލާހު ގެނައީ ވެސް އެ ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެންމެ ފަހުން އެ ޓެކްސް އުވާލަން ނިންމީ ބޭރުގެ ބައެއް އޮޕަރޭޓުން ވަގުތީ ގޮތުން ރާއްޖެ މާކެޓްކުރުމާއި ފްލައިޓް ބުކް ކޮށްދިނުމުގެ ހިދުމަތްތައް ސަސްޕެންޑްކުރަން ނިންމާފައިވަނިކޮށެވެ.


