މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން 11 ރަށެއްގައި އައިސް ޕްލާންޓު ބަހައްޓަން މެލޭޝިއާގެ އަލްޓްސް އޮއިލް އެންޑް ގޭސް ކުންފުންޏާ ހަވާލުކޮށް، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތޮލިބެވެ. އަދި މެލޭޝިއާގެ އަލްޓަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ ވިޖޭ ކޭ ޕިއްލައި އަދި މުހައްމަދު ތައުފީގު ބިން އުސްމާނެވެ.
މި މަޝްރޫއުގެ ދަށުން އައިސް ޕްލާންޓު ބަހައްޓާ ރަށްތަކަކީ:
-
ހއ. ދިއްދޫ
-
ހދ. ކުޅުދުއްފުށި
-
ށ. ކޮމަންޑޫ
-
ކ. ގާފަރު
-
އއ. ރަސްދޫ
-
މ. މުލައް
-
ދ. ހުޅުދެލި
-
ގއ. މާމެންދޫ
-
ގއ. ވިލިނގިލި
-
ގއ. ނިލަންދޫ
-
ގދ. ރަތަފަންދޫ
ފިޝަރީޒް މިނިސްޓްރީން ބުނީ އެއިން ކޮންމެ ރަށެއްގައި 30 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމުގެ އިތުރުން 50 ޓަނުގެ އައިސް ސްޓޯރޭޖު ފެސިލިޓީއެއް ވެސް ގާއިމްކުރާނެ ކަމަށެވެ. މި މަޝްރޫއު ނިންމަން ދީފައިވަނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ. މަޝްރޫއުގެ އަގާ ބެހޭ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި މަޝްރޫއު ހަވާލުކުރި އަލްޓަސްއަކީ ތެލާއި ގޭހުގެ އިތުރުން ސަޕްލައި ޗެއިން، މެރިން އަދި ލޮޖިސްޓިކްސް ސިނާއަތްތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.


