މަސްތުގެ ހާލަތުގައި ހުރެގެން، މާލޭގެ ސޯސަން މަގު ސަރަހައްދު ކައިރީ އުޅޭ މީހަކު ހައްޔަރުކޮށް، އޭނާ 15 ދުވަހަށް ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ހެންވޭރު ކަށިމާ ހިނގުން އަދި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި އަހުމަދު ފައިރިޝް ނަމަކަށް ކިޔާ މީހަކުގެ އުނދަގޫ އާންމުންނަށް ބޮޑުވެގެން، އެކަމާ ކިތަންމެ ފަަހަރަކު ރިޕޯޓްކުރުމުން ވެސް ފުލުހުންނާއި އިދާރާތަކަށް މާ ބޮޑު ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވަނީ ފުލުހުންގެ އިދާރާއަށް ވަޑައިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރައްވައިފައެވެ. ރޭ ފައިރޫޝް ހައްޔަރުކުރަނީ ވެސް ސައީދު ހަޅުތާލުގައި ހުންނަވާތާ 10 ގަޑިއިރު ފަހުންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ފައިރިޝްއާ ގުޅިގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ފުލުހުންނަށް ރިޕޯޓްކޮށްގެން، މިހާތަނަށް 30 ފަހަރަށްވުރެ ގިނައިން އޭނާ ހައްޔަރު ވެސް ވަނީ ކޮށްފައެވެ. އޭނާ ގޭގެތެރެއަށް ކުނި އަޅާ ކަމާއި، އޭނާ އުޅޭ ގޭގެތެރެއަށް ބެލްކަނީން ކުންޏާއި ތެޔޮ އެއްޗެހި އުކާ ކަމާއި، މީހުންނަށް އަމާޒުކޮށް ތަކެތި އުކާކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ކޮށްފައެވެ.


