ހުޅުމާލޭ ތެރޭގައި ބަޑިތަކެއް ހިފައިގެން އުޅޭ މައްސަލައާ ގުޅިގެން ފުލުހުން ބެލިބެލުމުން އެއީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކައި އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ، ބަޔަކު ބަޑިއެއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއް ކަމަށް ފުލުހުން ބުންޏެވެ.
ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައެވެ. އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވުމުން، އެ ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުރުކޮށްފައެވެ. އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އެ ބަޑިތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.


