މިދިޔަ ޖުލައި ކ. ގާފަރު ކައިރިން ބަންޑުން ޖަހާލި 'ހޯކްސް ވޮޔޭޖް' ނަމަކަށް ކިޔާ ކޮޅުވެއްޓިން ވެއްޓި ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް ރަން މެޑަލް މިއަދު އަރުވައިފިއެވެ.
ޖުމުލަ 10 މީހުން ކަނޑުވެ، އޭގެ ތެރެއިން 8 މީހަކު ސަލަމާތްކުރި އެ ހާދިސާއާ ގުޅިގެން މި ތިން ފުލުހުންނަށް އެރުވީ 'ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް’އެވެ. އެ މެޑަލް އެރުވީ، ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި އެ ކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މެޑަލް ލިބުނު އޮފިސަރުންނަކީ ސީނިއާ ސާޖަންޓް އަހުމަދު އާމިރު، ކޮންސްޓަބަލް މުހައްމަދު ލަހްފާން، އަދި ކޮންސްޓަބަލް އަލީ ޒިދާންއެވެ. ފުލުހުންނަށް މެޑަލް ހަވާލުކޮށްދެއްވީ ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދެވެ.
ޕޮލިސް ކޮމިޝަނަރު ވަނީ، މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި އޮފިސަރުން ދެއްކި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ވެސް ކޮމިޝަނަރު މުހައްމަދު އަހުމަދު ފާހަގަކުރެއްވިއެވެ.


