މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ 14 ބިމެއް ސަރުކާރަށް ނެގުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ޝަރީއަތަށް ދިއުމަށް ސިޓީ ކައުންސިލްގެ ޖަލްސާއިން މިރޭ ފާސްކޮށްފިއެވެ.
މާލެއާއި ވިލިމާލެ ހިމެނޭ ގޮތަށް ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ 14 ބިމެއް ނެގުމަށް ސަރުކާރުން ނިންމައި، މާލެ ސިޓީ ކައުންސިލަށް ހައުސިން މިނިސްޓްރީން ވަނީ އެ ކަން އަންގައިފައެވެ. އެއީ ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް ކެބިނެޓުން ކަނޑައަޅައިފި ހިނދެއްގައި ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހުގެ ދަށުންނެވެ.
މި ކަމާ ގުޅިގެން، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލުން މިރޭ ބޭއްވި ކުއްލި ޖަލްސާއެއްގައި އެ ތަންތަން ސަރުކާރަށް ހަވާލުކުރުމަށް ދެކޮޅު ހަދައި ޝަރީއަތަށް ދިއުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި އެމްޑީޕީގެ ކައުންސިލަރުންގެ އިއްތިފާގުންނެވެ. މާލެ ސިޓީ ކައުންސިލްގައި ވެރިކަންކުރާ ޕީއެންސީގެ 2 ކައުންސިލަރުން ތިއްބަވާއިރު މިރޭގެ ކުއްލި ޖަލްސާގައި އެ ކައުންސިލަރުން ބައިވެރިއެއް ނުވެއެވެ.
ޝަރީއަތަށް ދެ މައްސަލައެއް ހުށަހެޅުމަށް ނިންމާފައިވެއެވެ. އެ ގޮތުން އެއް މައްސަލަައަކީ ތަރައްގީގެ މަޝްރޫއުތަކަށް ބިން ނަގަން ނިންމާއިރު މަޝްރޫއުތަކުގެ ތަފްސީލް ކައުންސިލާ ހިއްސާކުރަން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމުކުރާތީއާއި، މި މަޝްރޫއުތަކުގެ ތަފްސީލް ދީފައިނުވާތީ ހައުސިން މިނިސްޓްރީގެ އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާ މައްސަލައެކެވެ. އަދި ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމަށް ވެސް ކައުންސިލުން ނިންމިއެވެ.
ސަރުކާރަށް ނެގުމަށް ނިންމި ބިންތަކާއި އެ ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނާ މަޝްރޫއުތައް:
- ސަލްޓަން ޕާކު އަދި މިއުޒިއަމް ސަރަހައްދު – އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކަކަށް
- މަސް މާރުކޭޓް – އޮފީސް އަދި ވިޔަފާރި ބޭނުމަށް ކުއްޔަށްދޭ ސަރުކާރުގެ އިމާރާތެއް ތަރައްގީކުރަން
- ލޯކަލް މާރުކޭޓް – ޒަމާނީ ވެޓް މާކެޓު ކޮމްޕެލެކްސް އެޅުމަށް
- ދަތުރުވެރިންގެ މާރުކޭޓް – މިކްސް-ޔޫސްޑް ކޮމާޝަލް ތަރައްގީގެ މަޝްރޫއަކަށް
- މާލޭ ސިޓީ ކައުންސިލުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތް – ޕަބްލިކް ވޯކް ސާވިސްގައި މަސައްކަތްކުރާ މީހުންގެ އެކޮމަޑޭޝަން އަދި ސްޓޯރޭޖު ފެސިލިޓީއަކަށް
- ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ކެފޭ – ކުޑަކުދިން ބަލަހައްޓާ ޑޭކެއާ ސެންޓަރަކާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ހިންގާ މަރުކަޒަކަށް
- ކާނިވާ ސަރަހައްދު – ކުޅިވަރު އަދި މިކްސްޑް ޔޫސް ކޮޮމާޝަލް ޑިވިލޮޕްމަންޓުގެ މަޝްރޫއެއް ހިންގަން
- އާޓިފިޝަލް ބީޗު – އިތުރަށް ތަރައްގީކުރުމަށާއި އާންމުންނަށް ހާއްސަ ކުޅިވަރު ފެސިލިޓީއެއް ތަރައްގީކުރަން
- ރަސްފަންނު – ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަން
- ކުރީގެ ހަކަތަ ޕެޓްރޯލު ޝެޑް ހުރި ބިން – އިލެކްޓްރިކް ވެހިކަލް ޗާޖިން ފެސިލިޓީއެއް ތަރައްގީކުރަން
- ބޮޑިބަތް ޕާކު – ޕާކިން އިމާރާތަކާއި މިކްސްޑް ޔޫސް ކޮމާޝަލް މަޝްރޫއަކަށް
- ތައިސޭކޮށި – ވަގުތީ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުން ކުރަން
- ޕޭ ޓޮއިލެޓް 2 – ޕަބްލިކް ރެސްޓްރޫމް ފެސިލިޓީއެއް އަޅަން
- މަސްވެރިންގެ މައިޒާން – މިހާރު ވެސް އޮންނަ ގޮތަށް، އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި އެތަން ދައުލަތުން ބަލަަހައްޓަން


