އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރޫޕީސްގެ ކަރަންސީ ސުވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ނުވަތަ ރޯލްއޯވަރ ކުރުމަށް ދިވެހި ސަރުކާރުން އެދިގެން، އިންޑިއާއިން އެ މުއްދަތު އިތުރުކޮށްދީ އެ ފައިސާ ދެއްކުން ފަސްކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އިންޑިއާއިން ދެމެހެއްޓެނިވި ގޮތެއްގައި ގެންގުޅޭ އިލްތިޒާމުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
މި ކަރަންސީ ސުވޮޕް ފެސިލިޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ސޮއިކުރެވުނު 'ސާކް ގައުމުތަކަށް ޚާއްޞަ ކަރަންސީ ސުވޮޕް އިންތިޒާމުގެ ފްރޭމްވޯކް' ގެ ދަށުން ދެވިފައިވާ ފެސިލިޓީއެކެވެ.
މީގެ 30 ބިލިއަން ރޫޕީސްގެ ޑްރޯޑައުން ދިވެހި ސަރުކާރަށް ދޫކޮށްފައިވަނީ މިދިޔަ އޭޕްރީލް 2023ގަ އެވެ. އެއީ މި ފެސިލިޓީގެ ދަށުން ކުރިން ދެވުނު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ޕެސިލިޓީއަށް ދިވެހި ސަރުކާރުން އެ ދުވަހު ފައިސާ ދައްކާފައިވަނިކޮށް ރާއްޖޭގެ އިގުތިސޯދީ ގޮންޖެހުންތަކެއް ލުއިކަމެއް ހޯދައިދޭން ދޫކުރެވުނު އަދަދެކެވެ.
2024 އިން 2027 އަށް އެކުލަވާލެވިފައިވާ މި ފްރޭމްވޯކްގެ ދަށުން އިންޓްރެސްޓް ރޭޓާއި އުޞޫލުތަކަށް ގިނަ ލުއިތަކެއް ލިބިގެންދާކަން ހައިކޮމިޝަނުން ފާހަގަކުރެއެވެ. 2012 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އާރްބީއައިއިން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ސުވޮޕް އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޒަރީ-ބޮންޑު (ޓީ-ބޮންޑު) ގަނެފައެވެ. އަދި އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލް ރާއްޖެއިން ޚަލާސްކުރުމުން، އެކަމަށް އެރި އިންޓްރެސްޓްގެ ގޮތުގައި 42.8 މިލިއަން އެމެރިކާ ޑޮލަރު އިންޑިއާ ސަރުކާރުން ދައްކާފައިވާ ކަން ވެސް ބަޔާނުގައި ބުނެފައިވެއެވެ.


