އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާ، އޯގަނައިޒޭޝަން ފޮ އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ ބައްދަލުވުމަކަށް ބައިވެރިވެވަޑައިގަތުމަށްޓަކައި ފޮރިން މިނިސްޓަރު ޢިރުތިޝާމް އާދަމް އިރާގަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެއީ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމެވެ. އިރާޤުގެ ވެރިރަށް ބަޣުދާދުގައި އޮންނަ މި ބައްދަލުވުމަކީ އެ ގައުމުގެ ފޮރިން މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވެކެވެ.
އެ ބައްދަލުވުން ޚާއްސަކޮށްފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުތަނަވަސްކަމުގެ ތެރޭގައި، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމުގެ މައްޗަށެވެ. އަދި ސަރަހައްދީ ހަމަނުޖެހުންތަކާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މެންބަރު ގައުމުތަކުގެ މެދުގައި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.


