Monday, 26 October 2026

ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ސައިބާ ހަމަލާތައް އިތުރުވަމުންދާތީ ފުލުހުން ސަމާލުވާން އެދިއްޖެ

ސަރުކާރުގެ މުއައްސަސާތަކަށާއި އެކި ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށް ދޭ ސައިބާ ހަމަލާތައް އިތުރުވަމުންދާ ކަމަށާއި، މިފަދަ ހަމަލާތަކުގައި ސިސްޓަމްތަކަށް ވަނުމަށް ފޭކް އީމެއިލް ބޭނުންކުރަމުންދާތީ ސަމާލުވުމަށް ފުލުހުން އިންޒާރު ދީފިއެވެ.

ފުލުހުން ވިދާޅުވީ މި އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ އިތުބާރު ހިފޭ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާ ސައްހަ މެސެޖުތަކެއްގެ ސިފައިގައެވެ.

މިފަދަ އީމެއިލްތަކުގައި ރަސްމީ ލިޔެކިޔުންތަކާއި، ދައުވަތުތައް ނުވަތަ ފައިލް ޝެއާކުރާ ލިންކުތަކުގެ ގޮތުގައި ގެއްލުންދެނިވި ލިންކުތަކާއި ފައިލްތައް އެކުލެވިގެންވެއެވެ. އަދި އެ ލިންކުތައް ހުޅުވައިފިނަމަ ޔޫޒަރނޭމްތަކާއި ޕާސްވޯޑްތަކުގެ އިތުރުން ސިއްރު މައުލޫމާތުތައް ހާމަވުމުގެ ނުރައްކާ އޮންނަކަން ފުލުހުން ފާހަގަކުރެއެވެ.

ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރުން ދަނީ މި ހަރަކާތްތައް މޮނިޓާކޮށް، ހަމަލާތައް ތަހުގީގު ކުރަމުންނެވެ. އަދި ރައްކާތެރިނޫން ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކްކުރުމަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން ވެސް މަސައްކަތް ކުރަމުންދެއެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ ޝައްކުކުރެވޭ އެއްވެސް ލިންކެއް ނުވަތަ އެޓޭޗްމަންޓެއް ނުހުޅުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އާދަޔާ ހިލާފު އެދުންތަކެއް ހިމެނޭ މެއިލްތައް ލިބިއްޖެނަމަ، އެ ފޮނުވި ފަރާތަކާ ސީދާ ގުޅައިގެން އެކަން ކަށަވަރުކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، އީމެއިލް ލިންކުތައް މެދުވެރިކޮށް ހުޅުވާ ޕޭޖުތަކުގައި ޕާސްވޯޑް ނުޖެހުމަށާއި، މަލްޓި-ފެކްޓާ އޮތެންޓިކޭޝަން (އެމްއެފްއޭ) ބޭނުންކުރުމުގެ އިތުރުން ސޮފްޓްވެއާތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުމަށް ފުލުހުން ލަފާދެއެވެ.

ޝައްކުކުރެވޭ އީމެއިލެއް ލިބިއްޖެނަމަ ލަސްނުކޮށް އޮފީހުގެ އައިޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓްކުރުމަށާއި، ޝައްކުކުރެވޭ ލިންކެއް ނުވަތަ ފައިލެއް ހުޅުވިއްޖެނަމަ ވަގުތުން އެ ޑިވައިސް ނެޓްވޯކުން ވަކިކޮށް، އައިޓީ މުވައްޒަފުން މެދުވެރިކޮށް ޗެކްކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *