ގަވާއިދާ ހިލާފަށް 3.86 މިލިއަން ރުފިޔާއަށްވުރެ ގިނަ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހުންގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި 6 މީހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ތިއްބާ މި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ފުލުހުން ބުނި ގޮތުގައި މި ފައިސާތައް ފޮރުވާފައި ހުރީ 'ޔޭޔޭ' ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގައެވެ.
އޮފިސަރުން ވަނީ 18 ގައުމެއްގެ ފައިސާ މި މީހުންގެ އަތުން އަތުލައިގެންފައެވެ. އޭގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 އިނގިރޭސި ޕައުންޑް ހިމެނެއެވެ. އަތުލައިގަތް ފައިސާގެ ޖުމްލަ އަގު 3,861,415.29 (ތިން މިލިއަން އަށް ލައްކަ ފަސްދޮޅަސް އެއް ހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އުނަވިހި ލާރި) އަށް އަރައެވެ. މި މީހުން ހައްޔަރުކުރީ ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތްކުރާ މައްސަލަތައް ތަހުގީގުކުރާ ޓާސްކް ފޯހަކަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ކޯޓުން މިހާރު ވަނީ ބަންދަށް އިތުރު 30 ދުވަސް ޖަހައިދީފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެމްޑީ މޮހިއްދީން ޗައުދަރީ (28އ)، ރަޖީބް (31އ)، އަޖްގަރު މިރިދާ (37އ)، އެމްޑީ ޝާހިން މިއާ (46އ)، މުހައްމަދު މައިނުއްދީން ސޮލާހު (35އ)، އަދި މުހައްމަދު އަބްދުﷲ (38އ) އެވެ.
މި މައްސަލައަކީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން ބަލަމުން އަންނަ މައްސަލައެކެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


