Monday, 26 October 2026

ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި އޭއައިގެ ބޭނުން ފުޅާކުރުމަށް މިނިސްޓަރު އަމީން ގޮވާލައްވައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހިފުމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ފަތުރުވެރިން ޝައުގުވެރިކުރުވުމަށާއި ޚިދުމަތް ދިނުމުގައި މިފަދަ ޓެކްނޮލޮޖީތަކުގެ ދައުރު އިތުރުވަމުންދާކަން ފާހަގަކުރައްވަމުންނެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ "ޑިޖިޓަލް އެޖެންޑާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ޓު ރީޑިޒައިން ޓޫރިޒަމް" މި ޝިއާރުގެ ދަށުން ފާހަގަކުރާ 2026 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖެއްގައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދަތުރުތައް ރޭވުމަށާއި، މަންޒިލްތައް އިޚްތިޔާރުކުރުމަށާއި، ބުކިންގ ހެދުމަށް ދަތުރުވެރިން ޑިޖިޓަލް ޕްލެޓްފޯމްތަކާއި އޭއައިގެ ބޭނުން ހިފާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ޓެކްނޮލޮޖީއަކީ މުޅި ސިނާއަތުގެ މުހިންމު ބަޔަކަށް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ބާޒާރުތަކަށް ވާސިލުވުމަށާއި ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިޖިޓަލައިޒޭޝަންގެ ފައިދާ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ވިޔަފާރިތަކަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ޑޭޓާ ސިސްޓަމްތައް ހަރުދަނާކުރުމާއި، ލައިސަންސް ދިނުމާއި ރިޕޯޓިންގ ނިޒާމުތައް ޒަމާނީކުރުމުގެ އިތުރުން ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމަށް އިންވެސްޓްކުރުން ހިމެނެއެވެ.

މީގެއިތުރުން ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެއާޕޯޓްތަކަށާއި ވައިގެ ޚިދުމަތްތަކަށް އަދި ފަސިންޖަރުންގެ ސިސްޓަމްތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެއަށާއި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ގޮވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އައު އީޖާދުތަކާއެކުވެސް ދިވެހި ފަތުރުވެރިކަމުގެ މައިގަނޑު އަސާސް ކަމަށްވާ މެހެމާންދާރީއާއި އިންސާނީ ގުޅުން ދެމެހެއްޓެންވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *