Monday, 26 October 2026

ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުގައި އެއްބާރުލުން ވަރުގަދަކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ތަރައްގީގެ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނޭ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު، ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މި އިނިޝިއޭޓިވްއަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އަދި ތަރައްގީގެ އެއްބާރުލުމާއި ގާބިލުކަން އިތުރުކުރުމުގެ ތެރެއިން ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ދެންނެވިއެވެ. މީގެއިތުރުން، އުމްރާނީ ތަރައްގީއާއި، ގުޅުންތައް ބަދަހިކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ދާއިރާއިން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުމަކީ ގައުމީ ތަރައްގީއަށް ބޮޑު ހިއްސާއެއް ވެދޭ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދަރަނީގެ ބުރައާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ބޮޑުކަމުން، ބައިނަލްއަގުވާމީ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވައި، މޫސުމީ ވައުދުތައް އަމަލީ މަސައްކަތަށް ބަދަލުކުރުމަށް ކޮޕް31 އަށް ގޮވާލެއްވިއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމުގައި ސައިންސާއި، ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު މުހިންމުކަން ފާހަގަކުރައްވައި، ޓެކްނޮލޮޖީ ބަދަލުކުރުމާއި އިލްމު ހިއްސާކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ގޮންޖެހުންތަކުން އަރައިގަނެ، ވިލުންތެރި މުސްތަގުބަލެއް ބިނާކުރުމަށް އޮތް މަގު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *