Monday, 26 October 2026

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް، ދިވެހި ސަރުކާރާއި އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު އީގަލް ހިލްސް ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ފައުންޑާ އަދި ޗެއާމަން މުހައްމަދު އަލަައްބާރުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ހޮޓާތަކާއި، ރިސޯޓުތަކާއި، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން މެރީނާއަކާއި، ވޯޓާފްރަންޓް ސަރަހައްދުތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމާ ގުޅޭ ތަފާތު ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަރައްގީގެ ސަބަބުން މުޅި މަޝްރޫއުގެ ތެރޭގައި 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ތެރޭގައި އަންދާޒާކުރެވޭ 18 ބިލިއަން ޑޮލަރުގެ ސާފު އިންވެސްޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން، ސީދާ އަދި ނުސީދާ ގޮތެއްގައި 54,000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މި މަޝްރޫއު އެއްކޮށް ނިމުމުން، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށާއި، އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ފަތުރުވެރިކަމުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރުފަޅު (ރަސްމާލެ) ގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ނަމަވެސް، އަމަލީ މަސައްކަތް ފަށާނެ ސީދާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ 1,100 ހެކްޓަރަށް ވުރެ ބޮޑު ބިން ހިއްކައިގެން ގާތްގަނޑަކަށް 65,000 ހައުސިން ޔުނިޓް އެޅުމުގެ ޕްލޭން ހިމެނޭ މަޝްރޫއެކެވެ. އީގަލް ހިލްސް ކުންފުންޏަކީ އަބޫދާބީ، އަލްބޭނިއާ އަދި ޝާރުޖާ ފަދަ ތަންތަނުގައި ވެސް ވޯޓާފްރަންޓް ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *