ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ތައްޔާރުވަމުން ދަނިކޮށް، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން 38 އަހަރުގެ މިސްރު ފިރިހެނަކު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، މި މީހާއާއި އޭނާގެ ބޮޑުދައިތަ ހުއްޓުވާފައިވަނީ އެއާޕޯޓުގެ ޑިޕާޗާ ސްކްރީނިން ސަރަހައްދުން އިތުރަށް ލަގެޖް ޗެކްކުރުމަށެވެ. އަދި އޭނާގެ ބޮޑުދައިތަގެ ދަބަސް އޮފިސަރުން ޗެކްކުރަމުން ދަނިކޮށް، އެ ދަބަހުގައި ބޮމެއް އޮތް ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެއެވެ.
އޭނާ އެހެން ބުނުމާ ގުޅިގެން އެއާޕޯޓް ސެކިއުރިޓީ އޮފިސަރުންނާއި، ފުލުހުން އަދި ސިފައިން ހަރަކާތްތެރިވެ އެ ދަބަސް ވަނީ ފުރިހަމައަށް ޗެކްކޮށްފައެވެ. ނަމަވެސް، ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ތަހުގީގު ރިޕޯޓްތަކުން ދައްކާ ގޮތުގައި އެ ދަބަހުން ގޮވާޒާތުގެ އެއްވެސް އެއްޗެއް ނުވަތަ އެފަދަ އެހެން އެއްޗެއް ވެސް ފެނިފައެއް ނުވެއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނީ މަޖަލަކަށް ހަދައިގެން ކަމަށް އެ މީހާ ފަހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާއާ ގުޅިގެން އޭނާ ވަނީ މާފަށް އެދި، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުންގެ ގާތުގައި ބުނެފައެވެ.
ބިރުދެއްކުމާއި ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވާއިރު، މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.


