Wednesday, 26 August 2026
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް

ވޯޓަކީ އަމާނާތެއް، އިހުލާސްތެރިކަމާއެކު ޒިންމާ އަދާކުރުމަށް އީސީގެ ރައީސް އެދިވަޑައިގެންފި

ކޮންމެ ވޯޓަކީ ވެސް އެ ވޯޓެއް ލާ މީހެއްގެ ނަޒާހާތްތެރިކަމާއި ގާބިލުކަން ހާމަކޮށްދޭ ހެއްކެއް ކަމަށާއި، ޒިންމާދާރުކަމާއި އިހުލާސްތެރިކަމާއެކު ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް އިލްތިމާސްކުރައްވައިފިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު ފާހަގަކުރާ ވޯޓުލާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ޝަކީލް ވިދާޅުވީ ވޯޓަކީ "އަމާނާތެއް" ކަމަށެވެ. އަދި ވޯޓުލާއިރު ތެދުވެރިކަމާއި، އިހުލާސްތެރިކަން އިސްކޮށް، މާތް ﷲ އަށް ބިރުވެތިވުމަށް އޭނާ ރައްޔިތުންނަށް ގޮވާލެއްވިއެވެ.

އޭނާ ވިދާޅުވީ ގައުމުގެ ވެރިކަމަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ލޯކަލް ކައުންސިލްތަކަށް މަންދޫބުން ހޮވުމަށް ދެވޭ ކޮންމެ ވޯޓަކީ ގައުމީ ތަރައްގީއަށާއި، ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ގާއިމުކުރުމަށާއި، ދައުލަތުގެ މުއައްސަސާތައް ހިނގަމުންދާ ގޮތަށް ސީދާ އަދި ނުސީދާ ގޮތެއްގައި އަސަރުކުރާނެ ކަމެއް ކަމަށެވެ. މީގެއިތުރުން، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަން ފާހަގަކުރައްވައި، ވޯޓުލުމުގެ ހައްގު ބޭނުންކުރުމުގައި އިސްލާމްދީނުގެ އަދުލުއިންސާފުގެ އުސޫލުތަކަށް ރިއާޔަތްކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރަމުންދަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް" މި ޝިއާރުގެ ދަށުންނެވެ. ރާއްޖޭގައި ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2015 ވަނަ އަހަރު ބޭއްވި ޑިމޮކްރަސީ ދުވަހުގެ ޖަލްސާގައި ނިންމި ނިންމުމަކާ ގުޅިގެންނެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ޑިމޮކްރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ވޯޓުލާ މީހުންގެ ހައްގުތައް ކުރިއެރުވުމާއި، އިންތިހާބީ ނިޒާމަށް އޮންނަ އިތުބާރު ބޮޑުކުރުމެވެ. އަދި އޭގެ އިތުރުން ވޯޓުލުމުގެ މުހިންމުކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އިންތިހާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި ދުވަހުގެ މުހިންމު މަގުސަދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *