Friday, 11 September 2026

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ނިޒާމު ހަރުދަނާކުރަން އައިކޮމްގެ އައު މަގުޗާޓެ އިފްތިތާޙުކޮށްފި

ދައުލަތުގެ މުއައްސަސާތަކުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޕްލޭނަކީ 2031 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ މަގުޗާޓެކެވެ.

މި އެކްޝަން ޕްލޭން އިފްތިތާޙުކޮށްފައިވަނީ މިއަހަރު ބޭއްވި ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ސިމްޕޯޒިއަމްގައެވެ. މި ޕްލޭންގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިންގުން ހަރުދަނާކުރުމާއި، މަޢުލޫމާތު ހޯދުމަށް އެދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން އައިކޮމްގެ މުއައްސަސީ ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.

މި ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީތެރިކަމާއެކު، ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން ހިންގާ 'އެކައުންޓަބިލިޓީ އެންޑް އިންޓެގްރިޓީ މެޓާސް' (އެއިމް) ޕްރޮޖެކްޓްގެ ދަށުން އެކުލަވާލާފައިވާ ޕްލޭނެކެވެ. މިއީ ވޭތުވެދިޔަ އަހަރު ހެދި ކެޕޭސިޓީ އެސެސްމަންޓަށް ބިނާކޮށް އެކުލަވާލި ޕްލޭނެއް ކަމަށް އައިކޮމްއިން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން، ވޭތުވެދިޔަ އަހަރު އައިކޮމްއަށް ހުށަހެޅުނު 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ހޯދަން އެދުމުން އެކަމަށް ޖަވާބުދާރީ ނުވެގެން ހުށަހެޅި ޝަކުވާތަކެވެ.

އައިކޮމްގެ އައު ސްޓްރެޓީޖީގެ މައިގަނޑު މަޤްޞަދަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޛުކުރުން ހަރުދަނާކޮށް، ދިމާވާ މިފަދަ މައްސަލަތަކަށް ޙައްލު ހޯދައިދީ، ޢާންމުންނަށް ފަސޭހަކަމާއެކު މަޢުލޫމާތު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *