Tuesday, 28 July 2026
ހިޔާ 8 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅެނީ -- ފޮޓޯ: އެޗްޑީސީ

ހިޔާ 8 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް، 5 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ އަށް ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ 19 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 13:27 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތް ފަށައިފައެވެ. އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލައިފައެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ބުނީ ހާދިސާގެ ސަބަބުން އެޕާޓްމަންޓްގައި ދުމުގެ އަސަރު ބޮޑުވެ، މި ވަގުތު ދިރިއުޅެން އެކަށީގެންނުވާތީ، އެތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ 5 ދިވެެއްސަކަށް 3 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް އެ އޮތޯރިޓީން ހަމަޖައްސައިދީފައިވާކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި، ނަމަވެސް އެޕާޓްމަންޓުގެ ބަދިގެއަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވެފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *