މާލޭ ނޯތު ހާބަރު ސަރަހައްދުން ބޯޓުފަހަރަށް މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު 6 ޖާގަ ދޫކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ
ނޯތު ހާބަރުގައި އޮޑިދޯނިފަހަރަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، މުދާ އުފުލާ އުޅަނދުފަހަރަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެމްޕީއެލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު އައްޒާމް ޝަރީފް ވިދާޅުވީ، ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ދޫކުރުމަށް މިހާރުވެސް ބައެއް ބޮޑެތި ކުންފުނިތަކަށް އެ ސަރަހައްދުން ޖާގަ ދީފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ފަދަ ކުންފުނިތަކުން ދެމުންދާ ހިދުމަތްތަކުގެ ސަބަބުން، އަތޮޅުތެރެއަށް މުދާ އުފުލާ އުޅަނދުފަހަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އައްޒާމް ވިދާޅުވީ، ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭގެ ތިރީބައިވެސް ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށްފައިވާ ކަމަށާއި، އެތަނުން ދޫކުރުމަށް ހަމަޖެހިފައިވާ ސްލޮޓްތައް މިހާރު އިޢުލާން ކުރަމުންދާ ކަމަށެވެ. ބޯޓުފަހަރަށް ބޭނުންވާ މުދާ ބަނދަރު ސަރަހައްދުން ފަސޭހަކަމާއެކު ލިބެން ހުރުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި، ޚިދުމަތް ދޭ ފަރާތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން އިތުރު 6 ސްލޮޓް ދޫކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ކުރު މުއްދަތެއްގެ ތެރޭގައި އަދި އެކަށީގެންވާ ހެޔޮ އަގުގައި ބޯޓުފަހަރަށް މުދާ ފޯރުކޮށްދިނުމެވެ.


